Last Updated: July 6, 14:04
Monday, July 6, 2026
ކުޅިވަރު

ފޮރެސްޓް އަތުން ލިވަޕޫލަށް ލަދުވެތި ބައްޔެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ނޮޓިންހަމް ފޮރެސްޓް އިން 3-0 އިން ލިވަޕޫލް ބަލިކޮށްފި އެވެ.

މިރޭގެ މެޗުން ބަލިވުމުން ޕްރިމިއާ ލީގުގެ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ލިވަޕޫލް އޮތީ 12 މެޗުން ލިބުނު 18 ޕޮއިންޓާ އެކު ލީގުގެ 11 ވަނައިގަ އެވެ. ފޮރެސްޓް އޮތީ 12 މެޗުން ލިބުނު 12 ޕޮއިންޓާއެކު ލީގުގެ 16 ވަނައިގަ އެވެ.

ލިވަޕޫލުން އެންމެފަހުން ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. އަނެއް ހަތަރު މެޗުން ވެސް އެޓީމު ވަނީ ބަލިވެފަ އެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗުގެ 33 ވަނަ މިނެޓްގައި ފޮރެސްޓުގެ ޑިފެންޑަރު މުރީލޯ ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. އަދި ދެވަނަ ހާފުގެ ކުރީކޮޅު ފޮރެސްޓުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ނިކޮލޯ ސަވޯނާ އެވެ. ފޮރެސްޓުގެ ލީޑު އިތުރަށް ފުޅާކޮށްދިން ގޯލު މެޗުގެ 78 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ މޯގަން ގިބްސް ވައިޓް އެވެ.

ލީގުގައި މިރޭ ޗެލްސީން ވަނީ 2-0 އިން ބާންލީ ބަލިކޮށް ލީގުގެ ދެވަނަ އަށް ޖެހިލާފަ އެވެ. ޗެލްސީގެ ގޯލުތައް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ޕެޑްރޯ ނެޓޯ އާއި އެންޒޯ ފެނާންޑޭޒް އެވެ. ޗެލްސީ ދެވަނައިގައި އޮތީ 12 މެޗުން 23 ޕޮއިންޓު ހޯދައިގެންނެވެ.

މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ކްރިސްޓަލް ޕެލެސް އިން ވަނީ 2-0 އިން ވުލްވްސް ބަލިކޮށްފަ އެވެ. އަދި ބްރައިޓަން އިން 2-1 އިން ބްރެންޓްފޯޑް ބަލިކުރިއިރު، ފުލަމް އިން ވަނީ 1-0 އިން ސަންޑަލޭންޑްގެ މައްޗަށް ކުރި ހޯދައިފަ އެވެ.