Last Updated: July 6, 18:04
Monday, July 6, 2026
ޚަބަރު

އޮޕަރޭޝަން އަލިމަގު: 23 މިލިއަންގެ ޑްރަގްސް އަތުލައިގެންފި

ޑްރަގު ނެޓްވޯކްތައް ހޯދައި ނައްތާލުމުގެ ޤައުމީ އޮޕަރޭޝަން، "އަލިމަގު"ގެ ދަށުން 23 މިލިއަން ރުފިޔާގެ ޑްރަގްސް އަތުލައިގެންފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މި ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން "ސަންގުޓީވީ"ގައި ވާހަކަދައްކަމުން އިހުސާން ވިދާޅުވީ މި އޮޕަރޭޝަން ނިމުނުއިރު 110 މީހުން ހައްޔަރުކުރެވި، އެމީހުން މަސްތުވާތަކެތި ވިއްކުމަށް ގެންގުޅުނު އާލާތްތަކާއި މަސްތުވާތަކެއްޗާއި އަދި ފައިސާ އަތުލައިގަނެވުނު ކަމަށެވެ.

"މީގެ ތެރޭގައި ގާތްގަނޑަކަށް 23 މިލިއަން ރުފިޔާގެ މަގުމަތީ އަގުގެ ޕްރޮޑަކްޓްތައް ހިމެނޭ،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ މި އޮޕަރޭޝަނަކީ ހަ މަސް ދުވަހުގެ އިންޓެލިޖެންސަށް ބިނާކޮށް ކުރެވުނު މަސައްކަތުގެ ދަށުން ހިންގުނު އޮޕަރޭޝަނެއް ކަމަށެވެ. އަދި ދެން އޮތީ މަސްތުވާތަކެތި އެތެރެކޮށް މި ވިޔަފާރީ ފުޅާދާއިރާއެއްގައި ރާއްޖޭގައި ހިންގާ މީހުންނާ ހަމައަށް ދިޔުން ކަމަށާއި އެފަދަ މީހުން ރައްޔިތުންނަށް ދީފައި ހުރި ބޮޑެތި ގެއްލުންތަކަށް ގާނޫނު އަރާ ހަމަކުރާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

"ދެން މިކަމަކަށް ރާއްޖޭގައި ފުރުސަތެއް ނުލިބޭނެއޭ ރާއްޖޭގައި. އަޅުގަނޑުމެން ހިފާ ހައްޔަރުކުރާނަން އެމީހުން. އެ ހިސާބަށް ދާންވެސް ދާނަން. ފުލުހުންގެ ހުރިހާ މަސައްކަތެއް މިހާރު ޑްރަގްސްގެ ދާއިރާގައި މިއޮތީ މި މީހުންނާ ހިސާބަށް ވާސިލުވުމަށް،" އިހުސާން ވިދާޅުވި އެވެ.

މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް މަރުގެ އަދަބު ދިނުން، ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ޤާނޫނުގައި ހިމެނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.