Last Updated: July 6, 18:04
Monday, July 6, 2026
ޚަބަރު

ދެ އަހަރުތެރޭ ގޭންގު ކުށްތައް 49 ޕަސެންޓަށް ދަށްވެއްޖެ

ހޯމް މިނިސްޓަރު އަލީ އިހުސާން - ފޮޓޯ: ރައީސް އޮފީސް

ދެ އަހަރުތެރޭ ގޭންގު ކުށްތައް 49 ޕަސެންޓަށް ދަށް ކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މި ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން "ސަންގުޓީވީ"ގައި ވާހަކަދައްކަމުން އިހުސާން ވިދާޅުވީ ގޭންގުތަކަށް ހާއްސަ ގާނޫނެއް ހަދައި ތަންފީޒުކުރަމުންދާ ކަމަށާއި އެއާއެކު ފުލުހުންގެ ތެރޭގައި ގޭންގު ކުށްތަކާ ގުޅޭ ހާއްސަ ޑިޕާޓްމެންޓަކާއި އެފަދަ މައްސަލަތައް ބެލުމުގެ ހާއްސަ ޑިޕާޓްމެންޓެއް އުފައްދައިގެން މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

"މިކުރާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ހާއްސަކޮށް ގޭންގުތަކުން ހިންގާފައި ހުރި ކުށްތަކަށް ބަލާއިރު ގާތްގަނޑަކަށް 49 ޕަސެންޓުގެ ދަށްވުމެއް މިދިޔަ ދެ އަހަރުތެރޭގައި ވަނީ ގެނެވިފައި. ޖުމްލަކޮށް ތޫނު ހަތިޔާރު ބޭނުންކުރުމާއި މާރާމާރީއާ މިފަދަ ކަންކަމަށް ބަލާއިރުގައި 23 ޕަސެންޓުގެ ދަށްވުމެއް ވަނީ ގެނެވިފައި،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ގޭންގުތަކާ ދެކޮޅަށް ވެސް މަސައްކަތްތަކެއް ފެށިފައިވާ ކަމަށާއި އަދި ދެން އޮތީ ގޭންގުތަކުގެ ރެކޯޑު އޮތް ފަރާތްތަކަށް އުއްމީދާއެކު ކާމިޔާބު ދިރިއުޅުމެއް އަލުން ހޯދައިދެވޭނެ މަގެއް ހޯދައިދިނުން ކަމަށެވެ. ގާނޫނުގައި އެ މަގު ކޮށާފައިވާނެ ކަމަށާއި އެގޮތުން ވަކި ހާއްސަ ތަމްރީނެއް ފުރިހަމަކުރާ ފަރާތްތަކަށް ކުށުގެ ރެކޯޑު ސަސްޕެންޑްކޮށްފައި ވަޒީފާގެ މާހައުލަށް ނިކުތުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދޭ ފުރުސަތުގައި ހިފާ ކުދިންނާއެކު އަޅުގަނޑުމެން މަސައްކަތް ކުރާނަން،" އިހުސާން ވިދާޅުވި އެވެ.

ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ މަގުސަަދުގައި މަޖިލީހުން ފާސްކުރި ބިލުގައި ވަނީ އިންތިޒާމުވެފައިވާ ކުށެއް ކުރާ ގްރޫޕެއް އުފެއްދުމާއި ހިންގުން ކުށަކަށްވާނެ ކަމަށް ކަނޑައަޅައިފަ އެވެ. އަދި އެފަދަ ގްރޫޕެއް އުފައްދައިފި ނަމަ ނުވަތަ ހިންގައިފިނަމަ 25 އަހަރުގެ ޖަލު ހުކުމަކާއެކު 200،000ރ. އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. މީގެ އިތުރުން އެފަދަ ކުށެއް ކުރަން އުޅެފިނަމަ ނުވަތަ އެހީތެރިވެއްޖެނަ މަ 18 އަހަރުގެ ޖަލު ހުކުމަކާއެކު 100،000ރ. ރުފިޔާ އާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

އިންތިޒާމުވެފައިވާ ކުށް ކުރާ ގްރޫޕަކަށް މީހުން ހޯދުމަކީ ކުށެއްގެ ގޮތުގައި ހިމަނާފައިވެ އެވެ. އެ ކުށަށް އަރައިގެންފި މީހަކު، އެ ކުށުގެ ސަބަބުން ކުޑަކުއްޖަކު ޝިކާރައަކަށްވެއްޖެ ނަމަ 25 އަހަރުގެ ޖަލު ހުކުމަކާއެކު 200،000ރ. އާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ކުޑަކުއްޖަކު ނޫން މީހަކު ރެކްރޫޓް ކުރަން އުޅެފިނަމަ އަދަބަކީ 20 އަހަރުގެ ޖަލު ހުކުމަކާއެކު 100،000ރ. އާއި 7 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ހަމައެހެންމެ ރެކްރޫޓް ކުރުމުގައި ގްރޫޕުތަކަށް އެހީވާ ފަރާތްތަކާއި އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ބައިވެރިވާ ފަރާތްތަކާއި ކުށް ކުރުމަށް އަމިއްލަ ތަންތަން ބޭނުންކުރުމާއި ހެކިބަސްދޭ ފަރާތްތަކަށް ބިރުދައްކާ ފަރާތްތަކަށްވެސް ޖަލު ހުކުމާއެކު ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަށް ބިލުގައި ވަނީ ހިމަނައިފަ އެވެ.

އިންތިޒާމުވެފައިވާ ކުށެއް ކުރުމުގައި ޤާނޫނީ ޝަހުސެއް ނުވަތަ އެ ޝަހުސެއްގެ މަސްއޫލުވެރި ފަރާތެއް ބައިވެރިވެއްޖެ ނަމަ އެ ޝަހުސެއް އުވާލުމާއެކު އެކުށެއް ކުރި މީހަކު 100،000ރ. އާއި 100 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ވެސް ބިލުގައި ހިމަނާފައިވެ އެވެ.