ސަރުކާރުން ފަށާފައި އޮތް ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން މި އަހަރު ނިމުމުގެ ކުރިން އެއް މިލިޔަން ގަސް އިންދައި ނިންމޭނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މި ޕްރޮގްރާމަކީ މިދިޔަ އަހަރުގެ ތިމާވެށީގެ ދުވަހު ޖޫން 1 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒ ފައްޓަވައި ދެއްވި މަޝްރޫއެކެވެ.
މިނިސްޓަރު ތޯރިގް ވިދާޅުވީ ފަސް މިލިޔަން ގަސް އިންދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.
އޭނަ ވިދާޅުވީ މި މަސައްކަތް ފެށިއިރު އެއްވެސް ކަހަލަ ނާސަރީއެއް ނެތުމުން ޕްރޮގްރާމް ގެންދަން ބޭނުންވި ބާރު މިނުގައި ގެންދަން ހުރަސްތަކެއް ދިމާވި ކަމަށެވެ. ނަމަވެސް މިހާރު އެފަދަ ނާސަރީތައް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 819،000 ގަސް އިންދާފައިވާ ކަމަށް ވިދާޅިވި
އެވެ.
"މިއަންނަ އަހަރު ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް ދެހާސް އަށާވީސް އަންނަންވާއިރަށް ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމް އަޅުގަނޑުމެން ކާމިޔާބު ކުރާނަން،" ތޯރިގް ވިދާޅުވި އެވެ. "އަދި މިއަހަރު ނިމެންވާ އިރަށް އެއް މިލިއަން ގަސް އިންދޭނެ."
ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުގެ ދަށުން ދަށުން ރާއްޖޭގެ ކޮންމެ ރަށެއްގައި މަދުވެގެން ދެ ހައިވަކަރު ގަސް މިހާރު އިންދާފައިވާ ކަމަށް ވެސް މިނިސްތަރު ވިދާޅުވި އެވެ. އަދި ރިސޯޓްތަކުގައިވެސް ގަސް އިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ރިސޯޓްތަކުން ވެސް 1.4 މިލިއަން ގަސް އިންދަން ރާވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢަށް ބޭނުންވާ ގަސް ހައްދަން ލ. ގަމުގައި ޚާއްސަ ދެ ނާސަރީ ތަރައްޤީކުރުމަށް މިނިސްޓްރީ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު މި މަހު އެއްބަސްވުމެއްގައި ސޮއި ވެސް ކޮށްފައިވެ އެވެ. މި މަސައްކަތުގެ ދަށުން ގަމުގައި 20،000 އަކަފޫޓުގެ ނާސަރީއަކާއި 100،000 އަކަފޫޓުގެ ނާސަރީއެއް ހަދަން ހަމަޖެހިފައޮވެ އެވެ.
އަދި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 55،000 އަކަފޫޓުގެ ނާސަރީއެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެޅުމަށް ވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.
ގަސް އިންދުމުގެ މަޝްރޫއުގައި ކައުންސިލްތަކާއި ސަރުކާރާއި އަމިއްލަ ކުންފުނިތަކާއު ޖަމިއްޔާ ޖަމާއަތްތަކާއި ބައެއް އެމްބަސީތަކުން ވެސް ހިއްސާވެ އެވެ.