ރާއްޖޭގެ މަޝްހޫރު ޑައިރެކްޓަރު ފާތުމަތު ނަހުލާ މީގެ އަހަރުތަކެއް ކުރިން ހަދަން އިއުލާންކުރި ފިލްމު "ގިސް" އަށް އެނބުރިދާން ނިންމައިފި އެވެ.
ކާމިޔާބު ޑައިރެކްޓަރު މިކަން ހިއްސާކޮށްފައި ވަނީ އޭނަގެ ޕްރޮޑަކްޝަން ހައުސް، ކްރިސްޓަލް އެންޓަޓައިންމަންޓުން ޓިކްޓޮކްގައި ކުރިއަށް ގެންދާ ލައިވް ޓޯކް ޝޯއެއްގެ އެޕިސޯޑެއްގަ އެވެ. އެގޮތުން ބަތަލާ ޝީލާ ނަޖީބު މެހުމާނެއްގެ ގޮތުގައި ބައިވެރިކޮށްގެން ގެނެސްދިން އެޕިސޯޑްގައި ނަހުލާ ވަނީ "ގިސް" ގެ ވަރުގަދަ ރޯލެއް ޝީލާ އަށް ދޭނެކަން ވެސް އިއުލާންކޮށްފަ އެވެ.
ޝީލާ އަކީ ނަހުލާ މި އަހަރު ގެނެސްދިން "ސޮރީ" ގެ ވެސް ރޯލެއް ކުޅުނު ބަތަލާއެކެވެ. ނަހުލާއާ އެކީ ޝީލާ އެންމެ ފުރަތަމަ މަސައްކަތްކުރި ފިލްމަކީ 2005 ގެ ފިލްމު "ޒުލޭޚާ" އެވެ.
ނަހުލާ ބުނެފައި ވަނީ "ގިސް" އަކީ އޭނަގެ "ޑްރީމް ޕްރޮޖެކްޓެއް" ކަމަށެވެ. އެކަމަކު މިއާ ބެހޭ އިތުރު ތަފުސީލުތަކެއް އަދި ހާމައެެއް ނުކެރެ އެވެ. ނަމަވެސް އޭނަ ދެން ޑައިރެކްޓްކުރާނެ ކަމަށް ބެލެވެނީ މި ފިލްމެވެ.
ނަހުލާ އަކީ ދިވެހި ފިލްމު ބަލާ އޯޑިއަންސްގެ ވަރަށް ބޮޑު ފެވަރިޓެކެވެ. އޭނަ ޑައިރެކްޓްކޮށް ގެނެސްދިން ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ކަލާޔާ ނުލާ"، "ނާއުންމީދު"، "ޔޫސުފް" އަދި "4426" ހިމެނެ އެވެ.
ވާހަކަ ލިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރުވި ނަހުލާގެ ފުރަތަމަ ފީޗާ ފިލްމަކީ 1998 ގެ "ފަހު ނޭވާ" އެވެ.
އޭނަ މިހާރު އަންނަނީ 2018-2020 އަށް ބައިސްކޯފަށް ގެނެސްދިން ވެބް ސީރީޒް "ހުވާ" ގެ ތިން ވަނަ ސީޒަންގެ މަސައްކަތް ކުރަމުންނެވެ.
ނަހުލާގެ "ސޮރީ" އަކީ މި އަހަރު އޮލިމްޕަހުގައި އެންމެ ގިނަ ޝޯތައް ދެއްކި ފިލްމެވެ.