ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިނެއް ތައާރަފު ކުރުމުން ޓެކްސީގެ ހިދުމަތްދޭ މިހާރު ދެމުން އަންނަ ފަރާޔްތަކުގެ އިތުރުން އެކަމުން ދައުލަތުގެ މާލިއްޔާ އަށް ވެސް އިއާދަ ނުކުރެވޭނެ ވަރުގެ ގެއްލުން ލިބޭނެ ބުނެ، އެކަން ހުއްޓާލަބް ޓެކްސީ ޑްރައިވަރުންގެ އެސޯސިއޭޝަނުން ސަރުކާރަށް ގޮވާލައިފި އެވެ.
ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީނަށް އެ އެސޯސިއޭޝަނުން ފޮނުވި ސިޓީއެއްގައި ބުނީ ސަރުކާރުގެ ޓެކްސީ ލައިން ތައާރަފުކުރުމުގެ މަސައްކަތް މިހާތަނަށް ކުރިއަށް ގެންގޮސްފައި ވަނީ ދެ ފުށް ފެންނަ ގޮތަކަށް ނޫން ކަމަށެވެ. އެހެންވެ އެކަން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް ބުންޏެވެ.
ސިޓީގައި ބުނީ ސަރުކާތުން ޓެކްސީ ލައިން ފެށުމަށް ނިންމިއިރު، ޓެކްސީގެ ހިދުމަތް މިހާރު ދޭ ސެންޓަރުތަކާއި އެޕްތަކުގެ އިތުރުން ޓެކްސީ ކުރާ ޑްރައިވަރުންނާއި ޓެކްސީގެ ހިދުމަތް ހޯދާ ފަސިންޖަރުންގެ ހިޔާލު އެއްވެސް މިންވަރަށް މިހާތަނަށް ހޯދާފައި ނެތް ކަމަށެވެ.
"ޓެކްސީ ފްލީޓުގެ ސަބަބުން މާލެ ސަރަހައްދުގައި މަސައްކަތް ކުރާ އެތައް ހާސް ޓެކްސީ ޑްރައިވަރުންގެ ދިރިއުޅުމަށް ސީދާ ގޮތުން އަސަރުކޮށް އަދި ދިވެހި މާލިއްޔާއަށް އިއާދަކުރަން ދަތި މާލީގޮތުން ބޮޑެތި، ގެއްލުންތަކެއް ލިބިދޭނެ މަޝްރޫއުއެއް ކަމަށް މި ޖަމިއްޔާއިން ދެކެން." ސިޓީގައިވެ އެވެ.
އެސޯސިއޭޝަނުން ބުނީ ސަރުކާރުގެ ޓެކްސީ ލައިން ތައާރަފުކޮށްފި ނަމަ، ފުރަތަމަ އަހަރު ވެސް މުސާރަ އާއި މެއިންޓެނެންސްގެ މަސައްކަތްތަކަށް 150-200 މިލިއަން ރުފިޔާ ހަރަދު ކުރަންޖެހޭނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށާއއެވަރުގެ ބޮޑު ހަރަދެއް އެކަމަށް ކުރަން ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ސިޓީގައި ބުނީ ރާއްޖޭގައި ޓެކްސީ ހިދުމަތް ދިނުމުގައި 3،000 އެއްހާ ޑްރައިވަރުން މި ވަގުތު ވެސް ހަރަކާތްތެރިވަމުން އަންނަ އިރު، ސަރުކާރުގެ ޓެކްސީ ލައިނެއް ތައާރަފު ކުރުމުގެ ކުރިން ފީސިބިލިޓީ ސްޓަޑީ އާއި މާކެޓް އެސެސްމެންޓްތަކެއް ވެސް ހަދާފައި ނުވާ ކަމަށެވެ. އަދި އެގޮތަށް އެކަން ކުރުމުން ދޭހަ ވަނީ ޓެކްސީ ޑްރައިވަރުންނާއި އެ މީހުންގެ އާއިލާތަކަށް ލިބިދާނެ އަނިޔާއަކަށް ސަރުކާރުން އެއްވެސް ވަރަކަށް ނުވިސްނާކަން ކަމަށް ވެސް ބުންޏެވެ.
ދުނިޔޭގެ އެކި ކަންކޮޅުގައި ރާއްޖެއަށްވުރެ އިގުތިސާދީ ގޮތުން މާބޮޑަށް ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ސަރުކާރުގެ ޓެކްސީ ލައިނެއް އުފައްދައި ހިދުމަތް ދިނުމުގެ މަސައްކަތް ފެށި ނަމަވެސް، އެކަން ކުރިއަށް ގެންދެވިފައި ނުވާކަން އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް، ކެންޔާ، މެކްސިކޯ އަދި ޔޫރަޕުގެ ބައެއް ގައުމުތަކުގައި ވެސް ސަރުކާރުތަކުން ޓެކްސީ ހިދުމަތް ދޭން ފެށުމަށްފަހު ހުއްޓާލަން ޖެހިފައިވާ ކަމަށް ސިޓީގައިވެ އެވެ.
ނަމަވެސް، މި ކަންކަމަށް ބެލުމެއް ނެތި ސަރުކާރުގެ ޓެކްސީ ފްލީޓެއް ތައާރަފު ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށް މުވައްޒަފުން ހޯދަން އިއުލާންކޮށްފައި ވާތީ ޑްރައިވަރުންގެ އެސޯސިއޭޝަނުން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ސަރުކާރުން ބުނެފައި ވަނީ ޓެކްސީ ލައިންގެ ހިދުމަތް އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި މާލޭގައި ފަށާނެ ކަމަށެވެ.
މި ހިދުމަތުގެ ތެރެއަށް ސަރުކާރުން ވަންނަން ނިންމުމާ ގުޅިގެން މީގެ ކުރިން ވެސް ޑްރައިވަރުންނާއި އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށް މުޒާހަރާކޮށް، މިނިސްޓަރު އަމީން އިސްތިއުފާ އަށް ވެސް ގޮވާފައިވެ އެވެ.
ތިމާވެއްޓާ ރައްޓެހި އީވީ ބޭނުންކޮށްގެން ޓެކްސީ ލައިންގެ ހިދުމަތް ދޭން ނިންމާފައި އޮތީ ތިން ފޭހަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ހިދުމަތް ފަށާނީ މާލެ، ހުޅުމާލެ އަދި ވީއައިއޭއަށެވެ. އޭގެ ފަހުން 2026 އާއި 2027 ގައި ވިލިނގިއްޔާއި ތިލަފުށީގައި ހިދުމަތް ފެށުމަށް ފަހު ތިން ވަނަ ފިޔަވަހި ނިންމަން ކަނޑައަޅާފައި ވަނީ 2029 ގެ ނިޔަލަށެވެ.
އެންމެ ފަހުން ހިދުމަތް ފަށާނީ ރަސްމާލެ އާއި ގިރާވަރުފަޅާއި އައްޑޫގެ އިތުރުން ފުވައްމުލަކާއި ކުޅުދުއްފުށީގައި ހިދުމަތް ފަށާނެ އެވެ.