Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ސިފައިން އަލިފާނާ ގުޅޭ އެކްސަސައިޒެއް ފަށައިފި

"ޖައްފާރާ" ގެ ނަމުގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސާވިސް އިން ތަމްރީނެއް މިއަދު ފަށައިފި އެވެ.

މިއީ ފަޔާ އެންޑް ރެސްކިޔު އިން އަމަލު ކުރަމުން އަންނަ ފަޔަ އިމަޖެންސީ އޮޕަރޭޝަނަލް ޕްލޭނަށް އަހުލުވެރިވުމުގެ ގޮތުން 2013 އިން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުންގެންދާ އެކްސަސައިޒެކެވެ.

އެގޮތުން މި އެކްސަސައިޒް ކުރިއަށްގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި، ބޮޑެތި އަދި އުނދަގޫ އަލިފާނުގެ ހާދިސާތަކަށް އިޖާބަދީ، ފަޔަ ފައިޓަރުން ހަރަކާތްތެރިވާ އިރު، ފަޔަ ފައިޓަރުންނަށް ލިބިފައިވާ ޢިލްމާއި ހުނަރާއި ވަސީލަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށްގެން ހާދިސާތައް މެނޭޖްކުރާ މިންވަރު ދެނެގަތުމުގެ އިތުރުން، ފަޔަރ އިމަޖެންސީ އޮޕަރޭޝަން ޕްލޭނާއި، ސްޓޭންޑަޑް އޮޕަރޭޝަން ޕްލޭތަކާއި، އިންސިޑެންޓް ކޮމާންޑް ސިސްޓަމް އަދި އިންޓަރ-އެޖެންސީ ކޯޑިނޭޝަން އެންމެ ރަނގަޅަށް ކުރިއަށް ގެންދެވޭތޯ ބެލުން ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ދެ ދުވަހުގެ މުއްދަތަށް އެކްސަސައިޒް "ޖައްފާރާ" މިއަދު ފެށުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީ އެވެ.

މި އެކްސަސައިޒްގެ ތަމްރީނުތައް މާލެ އާއި، ހުޅުމާލޭގެ އިތުރުން، ވިލިމާލެ އާއި، ތިލަފުށީގައި އަދި މާލެކައިރީގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށް ދާނެ އެވެ. ތަމްރީނުތަކުގައި، ހައިރައިޒް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކާއި، ރެސްކިޔު އޮޕަރޭޝަންތަކާއި، ހެޒްމެޓް އޮޕަރޭޝަންގެ އިތުރުން ރޯޑް އެކްސިޑެންޓްތަކުގައި ބޭނުންކުރާ އިމަޖެންސީ ޕްރޮސީޖާސް ފަރިތަކުރާނެ އެވެ.

މި އެކްސަސައިޒް ކުރިއަށްދާ ވަގުތު، މާލޭގެ މަގުތަކުގަ އާއި، މާލޭ ސަރަހައްދުގައި ފަޔަ ވެހިކަލް، ސައިރަން އެޅުމާ އެކު ހަރަކާތްތެރިވާނެ އެވެ.