Last Updated: June 7, 22:00
Sunday, June 7, 2026
މުނިފޫހިފިލުވުން

މަދޫރީގެ އާ ސީރީޒް ޑިސެމްބަރު 19 ގައި

ބޮލީވުޑްގެ ބަތަލާ މަދޫރީ ޑިކްސިޓް ޑާކް ކެރެކްޓާއަކުން ފެންނާނެ އާ ސީރީޒް "މިސިޒް ދޭޝްޕާންޑޭ" ޕްރީމިއާކުރާ ތާރީހު އިއުލާންކޮށްފި އެވެ.

މިހާރު ޓީޒާއެއް ވެސް ދައްކާލާފައިވާ މި ސީރީޒް ޖިއޯ ހޮޓްސްޓާ އިން ގެނެސްދޭން ނިންމާފައި ވަނީ އަންނަ މަހުގެ 19 ގަ އެވެ. މަދޫރީ ސީރިއަލް ކިލާއެއްގެ ރޯލު ކުޅެފައިވާ "މިސިޒް ދޭޝްޕާންޑޭ" އަކީ އެޕްލޯސް އެންޓަޓައިންމަންޓާއި ޑައިރެކްޓަރު ނާގޭޝް ކުކުނޫރުގެ، ކުކުނޫރް މޫވީސް ގުޅިގެން ގެނެސްދޭ އެއްޗެކެވެ.

މި ސީރީޒަކީ ނެޓްފްލިކްސް އިން 2017 ގައި ގެނެސްދިން ފްރާންސްގެ މަގުބޫލު ތުރިލާ ސީރީޒް "ލަ މެންޓޭ" އަސްލަކަށް ބަލައިގެން ހަދާފައިވާ އެއްޗެކެވެ.

ނާގޭޝް ޑައިރެކްޓް ވެސް ކޮށްފައިވާ "މިސިޒް ދޭޝްޕާންޑޭ" އިން މަދޫރީއާ އެކު ފެންނާނެ ފަންނާނުންގެ ތެރޭގައި ސިދާތު ޗަންދޭކަރާއި ޕްރިޔަންޝޫ ޗެޓަޖީ ހިމެނެ އެވެ. ނާގޭޝް އަކީ "ބޮލީވުޑް ކޯލިން" އާއި "އިގްބާލް" އާއި "ދޯރް" އަދި "އާޝާޔޭ" ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ،

އޭނަ ކުރިން ވެސް ސީރީޒްތަކެއް ހަދާފައިވެ އެވެ. އެގޮތުން އެންމެ ފަހުން ގެނެސްދިން ސޮނީ ލިވް އިން މި އަހަރުގެ ޖުލައިގައި ގެނެސްދިން "ދަ ހަންޓް: ދަ ރަޖީވް ގާންދީ އެސަސިނޭޝަން ކޭސް" އެވެ. ނާގޭޝްގެ ސީރީޒްތަކުގެ ތެރޭގައި ހޮޓްސްޓާ އިން 2019-2021 އަށް ގެނެސްދިން "ސިޓީ އޮފް ޑްރީމްސް" ވެސް ހިމެނެ އެވެ.

"މިސިޒް ދޭޝްޕާންޑޭ" އަކީ މަދޫރީ، 58، ގެ ދެވަނަ ސީރީޒެވެ. އޭނަގެ ފުރަތަމަ ސީރީޒަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން 2022 ގައި ނެޓްފްލިކްސް އަށް ގެނެސްދިން "ދަ ފޭމް ގޭމް" އެވެ.

މަދޫރީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ބޫލް ބުލައްޔާ 3" އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ ޝޫޓިން ނިންމާފައި އޮތް ނަމަވެސް އަދި ރިލީޒްކުރާނެ ތާރީހެއް އިއުލާން ނުކުރާ "މާ، ބެހެން" އެވެ.