Last Updated: June 5, 06:06
Friday, June 5, 2026
ރިޕޯޓް

ރާއްޖޭގެ ޓޫރިޒަމާއި ދިވެހިންގެ ވިސްނުން ކިހާ ހިސާބެއްގައި؟

އައްޑޫ ކެނަރީފް ރިސޯޓްގެ މަންޒަރެއް. ފޮޓޯ/ ކެނަރީފް

ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ކުރެވެނީ، ދުނިޔޭގެ ފެންވަރުގައި ހޯދިފައިވާ ކާމިޔާބީތަކެއްގެ ތެރެއިންނެވެ. ނަމަވެސް އެއީ އަދިވެސް ހައްލުނު ކުރެވި އޮތް ދިވެހި ސަފްހާތަކަކާއެކުގަ އެވެ.

މިއަދު ރާއްޖެ އަކީ ދުނިޔޭގެ އެންމެ މަޤުބޫލު ބީޗް ހޮލިޑޭ މަންޒިލްތަކުގެ ތެރޭގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ މަންޒިލެކެވެ. "މޯލްޑިވްސް" މިނަމުން ދުނިޔޭގައި ދޭހަ ވަނީ ލަގްޒަރީ، ޚާއްސަކަމާއި ޕޯސްޓްކާޑެއް ފަދަ ގުދުރަތީ ރީތިކަމެވެ. ދިވެހިން ފަތުރުވެރިކަމުގެ ސިނާއަތުގެ ރަންޔޫބީލް ފާހަގަކުރާއިރު، މި ދާއިރާއިން ލިބިފައިވާ ފައިދާތަކާއި ކާމިޔާބީތަކުގެ މިންވަރާ މެދު ސުވާލު ނުކޮށް ކުރިޔަށް ދިއުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. އެހެނީ މި ކާމިޔާބީގެ ފަހަތުގައި ފޮރުވިފައި ވަނީ ގެއްލިފައިވާ ފުރުސަތުތަކާއި، ފަރުވާކުޑަކޮށްލެވިފައިވާ ދިވެހި މޮޅު ޤާބިލިއްޔަތުތަކާއި، ދިވެހި ރައްޔިތުންނަށް އޭގެ އަސްލު ފައިދާ ފުރިހަމައަށް ނުލިބޭ ސިނާއަތެއްގެ ވާހަކައެކެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އާ ހަރުފަތަކަށް ކުރިއަރައިގެންދިޔައީ، ދިވެހިންގެ ފަރާތުން ފުރިހަމައަށް ބޭނުންނުކުރެވިފައިވާ ނުވަތަ ފާހަގަވެފައިނުވާ ގިނަ ފުރުސަތުތަކެއް ބޭރުގެ ފަރާތްތަކުން ދެނެގަނެ، އެކަންކަމަށް އިންވެސްޓު ކުރުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ "ޕައިނިއަރުން" ނުވަތަ އިސްދައުރު އަދާކުރި ގިނަ ފަރާތްތަކަށް، ރާއްޖޭގެ ޓޫރިޒަމުން ލިބެން ހުރި ފައިދާގެ ހަޤީޤީ އަގު ފުރިހަމައަށް ދެނެގަނެވިފައެއްނުވެ އެވެ. އެ ފަރާތްތަކުން ރިސޯޓްތައް ތަރައްގީކޮށް މާކެޓް ކުރަމުން ދިޔައީ ތިރި އަގުތަކެއްގައެވެ. އަދި އެ ބޭފުޅުން ދިޔައީ މި ރަށްތައް އެތަންތަނުގެ އަސްލު އަގަށްވުރެ މާ ދަށް އަގެއްގައި ވިއްކަމުންނެވެ.

މި ހާލަތުގައި، ގިނަ ދިވެހި ޕައިނިއަރުންނަށް ފާހަގަ ކުރެވިފައިނުވާ ކަންތައްތަކެއް ތަޖުރިބާކޮށްލުމަށް، އިނގިރޭސި-އިންޑިއާ ނަސްލުގެ ބޭރުގެ ފަރާތެއް ކަމަށްވާ ސޯނޫ ޝިވްދާސާނީ ޝައުގުވެރިވިއެވެ. އޭނާ އެންމެ ފުރަތަމަ ރާއްޖެއަށް ޒިޔާރަތް ކުރެއްވީ އޭނާގެ އަނބިކަނބަލުން އީވާ މަލްމްސްޓްރޮމްއާ އެކު، 1980 ގެ އަހަރުތަކުގެ ފަހުކޮޅުގައެވެ. އެ ދަތުރުގައި، ރާއްޖޭގެ އަތް ނުލެވި އޮތް ރީތިކަމާއި ސާދާ ދިރިއުޅުމުގެ ވައްޓަފާޅިއަށް ލޯބިޖެހި، ރާއްޖޭގައި އަމިއްލަ ލަގްޒަރީ ރިސޯޓެއް ހެދުމުގެ ޝައުގުވެރިކަން ސޯނޫގެ ހިތުގައި އުފެދުނެވެ.

އެހެންކަމުން، އޭނާ ދިވެހިރާއްޖެއަށް އެނބުރި އައީ އަމިއްލަ ޚާއްސަ، ތަފާތު ތަޞައްވުރަކާއި، އާދަޔާޚިލާފު ހިތްވަރަކާއެކުއެވެ. އެއީ، ދުނިޔޭގެ ފެންވަރުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އާ މަރުޙަލާއަކަށް ގެންދިޔަ "ބޭއާފޫޓް ލަގްޒަރީ" ކޮންސެޕްޓެވެ. އޭނާގެ މި ކޮންސެޕްޓަކީ ހަމައެކަނި އެއް ރިސޯޓް ލަގްޒަރީ ބްރޭންޑެއްގެ ގޮތުގައި ކުރިއެރުވުނު ކޮންސެޕްޓަކަށް ވުރެ ބޮޑަށް، މުޅި ސިނާއަތް ދުނިޔޭގެ ފެންވަރަށް ތަރައްގީވެ ކުރިއަރައިގެން ދިއުމަށް މަގުފަހިކޮށްދިން މުހިންމު ސަބަބެވެ.

މި ކޮންސެޕްޓުގެ ސަބަބުން ރާއްޖެ ބަދަލުވެގެން ދިޔައީ ހަމައެކަނި ހުދު ދޮންވެއްޔާއި ކަނޑުގެ ރީތި މަންޒިލެއްގެ އިތުރަށް، ދުނިޔޭގެ އެންމެ ލަގްޒަރީ ރިސޯޓް މާކެޓަށެވެ. އަދި މީގެ ސަބަބުން ދުނިޔޭގެ ހޮސްޕިޓަލިޓީ ދާއިރާގައި އެންމެ ބޮޑެތި ނަންތަކަށް ރާއްޖެއާމެދު ޝައުގުވެރިކަން އުފެދި، މިއީ މުޅި ދުނިޔޭގައިވެސް އެންމެ މަތީ އަގުގައި ކޮޓަރި ވިއްކޭ ލަގްޒަރީ ޓޫރިޒަމްގެ މަންޒިލަކަށް ބަދަލުވެގެން ދިޔައެވެ. ސާފު ފައިދާގެ ގޮތުގައި އެންމެ ރިސޯޓަކުން 50-60 މިލިއަން ޑޮލަރު ނެގޭ މިފަދަ އެހެންތަނެއް މުޅި ދުނިޔޭގައިވެސް ނެތްކަން ފާހަގަކުރަމެވެ.

ނަމަވެސް، މި ދާއިރާގެ ދިވެހި ޕައިނިއަރުންނަށް އެކަށީގެންވާ އިގްތިސާދީ ފައިދާތަކެއް ނުލިބި، މަތީ އާމްދަނީ ހޯދުމުގެ މަގުފަހިވެފައެއް ނެތެވެ. ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރައި، މުޅިން އައު އުސްމިންތަކަކަށް ވާސިލްވަމުން ދިޔައިރުވެސް، ދިވެހިންގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގައި ބަރޯސާވެފައިވަނީ ހަމައެކަނި ދިވެހި ޕައިނިއަރުންގެ އިހުގެ ވިސްނުންތަކަށެވެ. ގިނަ ދިވެހި ރިސޯޓުތައް އަދިވެސް ހިންގަމުން ދަނީ 1990 ގެ އަހަރުތަކުގެ އޮޕަރޭޝަނަލް ވިސްނުންތަކާ އެއްގޮތަށެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ފަންސާސް އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވީ ނަމަވެސް، ދުނިޔޭގެ ފެންވަރުގެ ޖެނެރަލް މެނޭޖަރުންނާއި، އެގްޒެކެޓިވް ޝެފުންނާއި، މަތީ ފެންވަރުގެ ބައިނަލްއަގްވާމީ ރިސޯޓުތައް ހިންގުމުގެ ގާބިލު ދިވެހި ޕްރޮފެޝަނަލުން އުފެއްދުމުގައި އެފަރާތްތައް ވަނީ ފެއިލްވެފައެވެ. މިއީ ހަމައެކަނި އެފަރާތްތަކުގެ ނާކާމިޔާބީއެއް ނޫނެވެ. ޖެހިޖެހިގެން ބަދަލުވަމުންދިޔަ ސަރުކާރުތަކަށް ވެސް މިކަން ހާސިލްކުރުމަށް ވަނީ ނުކުޅެދިފަ އެވެ.

ދިވެހިން މަތީ ފެންވަރަށް ތަމްރީނުކުރާނެ ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓަލިޓީ ޓްރޭނިން އިންސްޓިޓިއުޓެއް މި ރާއްޖެއަކު ނެތެވެ. އަޅުގަނޑު މި ދަންނަވަނީ، ދިވެހި ޕައިނިއަރުން އުފެއްދިކަމަށް ބުނާ ސިނާއަތުގެ ލީޑަޝިޕް ރޯލުތަކަށް ދިވެހިން އަހުލުވެރިކުރުވުމަށް ބޭނުންވާ ހުނަރާއި، ޕްރޮފެޝަނަލިޒަމް އަދި ބައިނަލްއަގްވާމީ ތަޖުރިބާ، ނިޒާމީ ގޮތެއްގައި ބިނާކުރެވޭނެ މަރުކަޒެއް ދިވެހިރާއްޖޭގައި ގާއިމުކުރެވިފައިނުވާ ވާހަކައެވެ.

ނަމަވެސް، ސޯނޫ ފަދަ ރާއްޖޭގެ މަތީ ފެންވަރުގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްކުރާ ބޭރުގެ ފަރާތްތަކުން ވަނީ ދުނިޔޭގެ ފެންވަރުގެ ގާބިލު ދިވެހި މުވައްޒަފުން ތަމްރީނުކޮށްފައެވެ. އެތެރެއިން ލިބުނު މި ތަމްރީނުތަކުގެ ސަބަބުން، އެ ދިވެހިން މިހާރު ދަނީ ދުނިޔޭގެ އެންމެ އިސް ހޮޓާ ޗެއިންތަކުގައި ޖެނެރަލް މެނޭޖަރުންނާއި، ޝެފުންނާއި، އަދި މާކެޓިންގ އެގްޒެކެޓިވުންގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ. ސޯނޫ ފަދަ ބޭރުގެ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، މި ދާއިރާއަށް ދިވެހިން ތަމްރީނު ކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. އެއީ މެހެމާންދާރީއަކީ ދިވެހިންގެ ތަބީޢަތުގައި ހިމެނޭ ސިފައެއް ކަމަށް އެމީހުން ގަބޫލުކުރާތީއެވެ.

ދުރުވިސްނުމެއް ނެތް ސިޔާސަތުތަކުގެ ނަތީޖާ:

ގިނަ ދިވެހި ޓޫރިޒަމް ކުންފުނިތަކާއި ސަރުކާރުން އިންސާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް އެކަށީގެންވާ މިންވަރަކަށް އިންވެސްޓްކޮށްފައިނުވެއެވެ. މިކަމުގެ ސަބަބުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ބޭރުގެ ފަރާތްތަކުގެ ނުފޫޒު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. މީގެ އިތުރުން، ރާއްޖޭގައި ހިންގާ ބައިނަލްއަޤްވާމީ ހޮޓާ ޗެއިންތަކުގެ މުހިންމު އެގްޒެކެޓިވް މަޤާމުތަކުގައި ގިނައިން ތިބެނީ ބިދޭސީންނެވެ.

އެގޮތުން، މަތީ ފަންތީގެ މެނޭޖްމަންޓް މަޤާމުތަކުގައި ދިވެހިންގެ ތަމްސީލު ވަރަށް ކުޑައެވެ. މި ކަމުން ހާމަވަނީ ދިވެހިންގެ ތެރޭގައި ކުރު މަގުތަކަށް އިސްކަންދިނުމުގެ ސަގާފަތެއް އޮތް ކަމެވެ.

މިސާލަކަށް، ރިސޯޓުތައް އަވަސް އަވަހަށް ކުއްޔަށް ދޫކުރުމާއި، އިދާރީ ކަންކަން ބޭރުގެ ބްރޭންޑްތަކަށް އައުޓްސޯސް ކުރުމާއި، އަދި ބޭރުގެ މާހިރުންގެ ތަޖުރިބާއަށް ބޮޑުތަނުން ބަރޯސާވުމަކީ މި ކަމުގެ ހެކިތަކެވެ. މިފަދަ ކަންކަމުން ކުރު މުއްދަތެއްގައި ބޮޑެތި މާލީ ފައިދާތަކެއް ލިބިދާނެ އެވެ. ނަމަވެސް، އެއީ ދިގު މުއްދަތެއްގައި ގައުމީ ފައިދާ ހޯދުމަށް ކުރެވޭ ރޭވުންތެރި މަސައްކަތްތަކެއް ނޫނެވެ.

ނަތީޖާއެއްގެ ގޮތުން، ދިވެހިން ބާރުވެރިކުރުވުމުގެ ބަދަލުގައި، އެމީހުންވަނީ އެހެން ފަރާތްތަކަށް މުޅިން ބަރޯސާވާ ބަޔަކަށް ބަދަލުވެފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިމަގު:

ނުނިމޭ ބާބު

ފާއިތުވެދިޔަ ފަންސާސް އަހަރުގެ ތެރޭގައި ދިވެހިރާއްޖެއިން މިވަނީ ދުނިޔޭގެ ފެންވަރުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ. މިއީ ބައިނަލްއަޤްވާމީ މައިދާނުގައި ކުދި ޤައުމުތަކަށް ނުހަނު މަދުން ނޫނީ ނުލިބޭ ފަދަ ޝަރަފެކެވެ. ނަމަވެސް، ދިވެހި ފަތުރުވެރިކަމުގެ ރަން ޖުބިލީ އަޅުގަނޑުމެން ފާހަގަކުރަމުންދާއިރު، ކުރިމަގާމެދު ވިސްނާލުމަކީ މުހިންމު ކަމެކެވެ. އެގޮތުން، ފަސް ބިލިއަން ޑޮލަރަށް ވުރެ ބޮޑު މާލީ އަގު ހުރި މި ފަތުރުވެރިކަމުގެ ރަންވަޅު، ކުރިއަށް އޮތް 50 އަހަރު ދިވެހި ރައްޔިތުންނަށް ހަގީގީ މަންފާ ލިބޭ ގޮތަކަށް ބަދަލުކުރުމަށްޓަކައި، ކޮންމެހެން ކުރަން ޖެހޭ މުހިންމު އިންވެސްޓްތަކެއް އެބަހުއްޓެވެ.

އެއީ:

1. ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓަލިޓީ ޔުނިވަރސިޓީއެއް ނުވަތަ އެކަޑަމީއެއް ރާއްޖޭގައި ޤާއިމުކުރުން.
2. ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހި ޖީ.އެމް. (ޖެނެރަލް މެނޭޖަރުން)، އެގްޒެކެޓިވް ޝެފުން، އަދި އީޖާދީ ޚިޔާލުތައް އުފައްދާ ފަރާތްތައް ތަމްރީނުކޮށް ކުރިއެރުވުމަށް ބޭނުންވާ ޕްރޮފެޝަނަލް މަގުތަކެއް ތަނަވަސްކޮށްދިނުން.
3. ދިވެހި މުވައްޒަފުންގެ ހުނަރު ތަރައްޤީކުރުމަށްޓަކައި، ސަރުކާރާއި މި ދާއިރާގެ އެހެނިހެން ބައިވެރިން ގުޅިގެން ވަރުގަދަ އެއްބާރުލުމެއް ދިނުން.
4. ބޭރުގެ އޮޕަރޭޓަރުންނަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި، ދިގު މުއްދަކަތަށް ދެމިހުންނާނެ މާލީ އަދި އިދާރީ ސްޓްރެޓެޖީއެއް އެކުލަވާލައި ތަންފީޒުކުރުން.

ރާއްޖޭގެ ގުދުރަތީ ރީތިކަން ދުނިޔެމަތީގެ ސުވަރުގެއެއް ކަމުގައި ބެލެވޭކަމީ އެއްވެސް ޝައްކެއްނެތި ގަބޫލުކުރެވޭ ހަޤީޤަތެކެވެ. ކަން މިހެންހުރުމާއެކު، މިރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމެއް ބިނާކުރުމަކީ ފަސޭހަކަމާއެކު ޙާޞިލްކުރެވިދާނެ ލަނޑުދަނޑިއެކެވެ.

ނަމަވެސް، މިކަން ޙާޞިލް ކުރެވޭނީ ރާއްޖޭގެ އަޑި ނުފެނި އޮތް ރީތިކަމާއި ސާދާ ދިރިއުޅުމުގެ ވައްޓަފާޅި ދެނެގަނެ، އެކަންކަމުގެ ބޭނުން ހިފަން އެނގޭ އުފެއްދުންތެރި ވިސްނުންތަކަކަށެވެ. ސޯނޫ ޝިވްދާސާނީ ފަދަ ދުރުވިސްނުންތެރިން ދިވެހިރާއްޖެއިން އުފެއްދުމުގެ ގާބިލިއްޔަތު ދިވެހިންނަށް ލިބިގެންވެއެވެ. އެގޮތުން، މިހާރު މިވަނީ ފަތުރުވެރިކަމުގެ މި ސިނާއަތަކީ ދިވެހިންގެ އަމިއްލަ ސިނާއަތެއްގެ ގޮތުގައި މުސްތަޤްބަލް ބައްޓަން ކުރަންވީ ވަގުތު ޖެހިފަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވާހަކައަކީ އަސަރުގަދަ ކާމިޔާބީގެ ވާހަކައެކެވެ. ނަމަވެސް އެއީ އަދި ފުރިހަމަ ވެފައިވާ ވާހަކައެއް ނޫނެވެ. އެ ވާހަކަ ފުރިހަމަ ވާނީ، އަންނަން އޮތް ޑައިމަންޑް ޖުބިލީގެ ބާބު ދިވެހިންގެ އަމިއްލަ އަތުން ލިޔެވިގެންނެވެ. އެ ބާބު ލިޔަން ޖެހިފައި ވަނީ ދިވެހިންނަށެވެ.