Last Updated: July 6, 18:59
Monday, July 6, 2026
ޚަބަރު

ޖުޑިޝަރީ ހަރުދަނާކުރަން ސައުދީއާއެކު އެއްބަސްވުމެއް

ރާއްޖޭގެ ޖުޑިޝަރީ ހަރުދަނާ ކުރުމަށް ސައުދީ އަރަބިއްޔާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ސުޕްރީމް ކޯޓުން މައުލޫމާތު ދިން ގޮތުގައި ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ. އަދި ސައުދީގެ ފަރާތުން ސޮއިކުރެއްވީ ޖަސްޓިސް މިނިސްޓަރު ޑރ. ވާލިދް އަލް ސަމާނީ އެވެ. މި އެއްބަސްވުމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ.

މި އެއްބަސްވުމުގެ ދަށުން އެއްބާރުލުން ދީގެން ކުރިއެރުވުމަށް މަސައްކަތް ކުރާ ދާއިރާތަކަކީ:

– ޝަރުޢީ ނިޒާމުތަކާއި ގުޅުންހުރި ގާނޫނީ އަދި އިދާރީ އުސޫލުތައް ހަރުދަނާކުރުން

– ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ޕްރޮފެޝަނަލް ގާބިލުކަމާއި ހުނަރުތައް ތަރައްގީކޮށް ކުރިއެރުވުން

– ޝަރުއީ މަސައްކަތްތައް ކުރުމުގެ އުސޫލުތަކާއި ނިޒާމުތައް ހަރުދަނާކުރުން

– ދާއިރާއާގުޅޭ މައުލޫމާތާއި، ތަޖުރިބާ އަދި ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްތަކާގުޅޭ މައުލޫމާތު ބަދަލުކުރުން

– ތަޖުރިބާކާރުންނާއި ފަންނީ މާހިރުންގެ ދެމެދުގައި ޒިޔާރަތްތައް ބަދަލުކުރުމާއި އެ ފަރާތްތަކުގެ ހުނަރާއި ތަޖުރިބާ ހިއްސާކުރުން

– އިލްމީ އަދި ފަންނީ ކޮންފަރެންސްތަކާއި، ސެމިނަރތަކާއި މަޝްވަރާ ބައްދަލުވުންތަކާއި ތަމްރީނު ޕްރޮގްރާމްތައް އަދި މަސައްކަތު ބައްދަލުވުންތައް އިންތިޒާމުކޮށް ބޭއްވުން

މިއީ ރާއްޖޭގެ ޖުޑިޝަރީން އަރަބި އިސްލާމީ ގައުމެއްގެ ޖުޑިޝަރީއާ ދެމެދު ސޮއި ކުރެވުނު ފުރަތަމަ އެއްބަސްވުމެވެ.