މީގެ ހަތަރު އަހަރު ކުރިން އިއުލާންކުރި ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ އާ ފިލްމު "ސްޕިރިޓް" ގެ ޝޫޓިްން މިއަދު ފަށައިފި އެވެ.
މި ފިލްމަކީ 2023 ގައި ރިލީޒްކޮށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ރަންބީރް ކަޕޫރްގެ "އެނިމަލް" އަށް ފަހު ސަންދީޕް ހަދާ ފުރަތަމަ ފިލްމެވެ. "ސްޕިރިޓް" ގެ ލީޑް ބަތަލަކީ މަޝްހޫރު ތެލެގޫ އެކްޓަރު ޕްރަބާސް އެވެ. މި ފިލްމުގައި އޭނަ ކުޅޭނީ ފުލުހެއްގެ ރޯލެވެ.
"ސްޕިރިޓް" ގެ ބަތަލާ އަކީ "އެނިމަލް" ގައި ކުރު، "ބޯލްޑް" ކެރެކްޓާ އިން ބޮޑު މަޝްހޫރު ކަމެއް ލިބުނު ޓްރިޕްތީ ދިމްރީ އެވެ. އޭނަ އަށް ފިލްމުން ފުރުސަތު ލިބުނީ "ސްޕިރިޓް" ގެ ބަތަލާއަކަށް ދީޕިކާ ޕަދްކޯން ގެންނަން ކުރެވުނު މަސައްކަތުގެ ތެރޭގައި އޭނަގެ ބައެއް ޑިމާންޑްތަކަށް ފިލްމުގެ ޓީމަށް އެއްބަސްވުމަކަށް ނާދެވުމާ ގުޅިގެން، ދީޕިކާ ފިލްމަށް ސޮއި ނުކުރަން ނިންމުމާ ގުޅިގެންނެވެ.
މި ފިލްމަކީ "އެނިމަލް" ވެސް ޕްރޮޑިއުސްކުރި ބުޝަން ކުމާރުގެ ޓީ ސީރީޒްގެ ފިލްމެކެވެ.
މީގެ ޝޫޓިން މިއަދު ފެށި އިރު، ފާއިތުވި މުއްދަތުގެ ތެރޭގައި ފިލްމުގެ ސްކްރިޕްޓް ޕޮލިޝްކުރަން ސަންދީފް ވަރަށް ގިނަ ވަގުތު ހޭދަކޮށްފައިވެ އެވެ. އެހެންވެ "ސްޕިރިޓް" އަށް ކުރެވޭ އުންމީދުތައް ވަރަށް ބޮޑެވެ.
މީގެ ކާސްޓުން ފެންނާނެ ތަރިންގެ ތެރޭގައި ވިވެކް އޮބެރޯއީ އައި ކާންޗަނާ އަދި ޕްރަކާޝް ރާޖް ހިމެނެ އެވެ.
"ސްޕިރިޓް" ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުުރެ އެވެ. އެކަމަކު އަންނަ އަހަރު ފިލްމު ސިނަމާތަކަށް ގެނައުމުގެ ފުރުސަތު ބޮޑެވެ.