Last Updated: July 6, 18:59
Monday, July 6, 2026
ޚަބަރު

ފައިސަލަށް މަނީ ލޯންޑަރިން އާއި ކޮރަޕްޝަންގެ ތުހުމަތު

ހައި ކޯޓުގެ ފަނޑިޔާރުކަމުން މިއަދު އިސްތިއުފާ ދެއްވި މުހައްމަދު ފައިސަލްއަށް ތުހުމަތު ކުރެވޭ ކޮރަޕްޝަން އަދި މަނީ ލޯންޑަރިންގެ މައްސަލަތަކެއް ބަލަމުންދާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފި އެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން، ފައިސަލް އިސްތިއުފާދެއްވުމާ ގުޅިގެން ފަނޑިޔާރު ފަނޑިޔާރުކަމުގެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވާފައިވާ އަގު ހުރި ހިދުމަތްތަކަށް، ހައިކޯޓުގެ ނަމުގައި އެ ކޯޓުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ފަނޑިޔާރުކަމުން ފައިސަލް އިސްތިއުފާ ދެއްވި ސަބަބެއް އަދި ނޭނގެ އެވެ.

އޭސީސީން މިރޭ ބުނި ގޮތުގައި ފައިސަލަށް ތުހުމަތުވާ ކޮރަޕްޝަން އާއި މަނީ ލޯންޑަރިންގެ މައްސަލައެއް ބަލަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

ފައިސަލް މަގާމުން އިސްތިއުފާ ދެއްވިއިރު ހައި ކޯޓުގައި ހުންނެވި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރުކަމުން ރިޓަޔަކުރައްވަން ނިންމަވައި، އެކަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަނީ ހުށަހަޅުއްވައިފަ އެވެ. އެ ފަނޑިޔާރާ ގުޅޭ ސުލޫކީ މައްސަލަތަކެއް ވެސް އަންނަނީ ބަލަމުންނެވެ.

މީގެއިތުރުން ވެސް ހައިކޯޓުގެ އިތުރު ފަނޑިޔާރުންތަކެއްގެ މައްސަލަ ސަރުކާރުގެ ކޮންޓްރޯލު އޮތް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.