Last Updated: July 6, 18:59
Monday, July 6, 2026
ޚަބަރު

ވިލިމާލޭ ރައްޔިތުންނަށް 300 ހައުސިން ޔުނިޓް ހާއްސަކުރަނީ

މާލެ ސަރަަހައްދުގައި މިސަރުކާރުން އެންމެ ފުރަތަމަ އަޅަން ނިންމާފައިވާ 3،000 ހައުސިން ޔުނިޓްގެ ތެރެއިން ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓް ހާއްސަކުރާނީ އެ އަވަށުގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްްޖެ އެވެ.

ވިލިމާލޭގެ ރައްޔިތުންނާ އެކު ރައީސް މުއިއްޒު މިރޭ ކުރިއަށް ގެންދިޔަ ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވިދާޅުވީ މި ހައުސިން ޔުނިޓުތަކަކީ މާލޭ ސަރަޙައްދުގައި ޤާއިމުކުރައްވާނޭކަމަށް އިޢުލާންކުރައްވާފައިވާ ހައުސިންގ ޔުނިޓުތަކުގެ ތެރެއިން 300 ހައުސިން ޔުނިޓުކަމަށާއި، މި ހައުސިން ޔުނިޓުތަކުގެ މަސައްކަތް މި އަހަރު ތެރޭ ފެށޭނެ ކަމަށެވެ.

ހުޅުމާލޭ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް އަޕްގްރޭޑް ކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވަނީ، ހޮސްޕިޓާ އެހެންތަނަކަށް ބަދަލުކޮށްގެން މި މަސައްކަތްކުރާއިރު، ޚިދުމަތްދިނުމުގައި ކުރިމަތިވެދާނޭ ދަތިތައް ކުޑަކުރެއްވުމެއްޓަކައި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އެހީގައި ގޮތްތަކެއް ހަމަޖެއްސެވުމަށް މަސައްކަތްޕުޅުކުރައްވާނޭކަމަށެވެ. އަދި އެ ދަނޑިވަޅުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ކުރިއަށްގެންދަވާނޭ ކަމަށާއި، އެ މަސައްކަތް ކުރިއަށްދާނީ، ފެނާއި، ކަރަންޓާއި، ނަރުދަމާގެ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތާ އެކީގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ފެށޭ އަހަރު، ވިލިމާލޭގައި މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުކުރެއްވުމުގެ މަސައްކަތް ކުރައްވާނޭ ކަމަށާއި، ވިލިމާލޭގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓަވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޚިޔާލަށް ހުޅުވާލި ފުރުޞަތުގައި ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމުގެ ގޮތުގައި ހުށަހަޅުއްވާފައިވަނީ، ރަށުގައި ހުރި ގިނަދުވަސްވީ ދެ ގަހެއްގެ ސަބަބުން، ދިމާވާ މައްސަލައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައްޔިތުން އެދިވަޑައިގެންނެވި ފަދައިން، އެ ދެ ގަސް ނެގުމަށް ނިންމަވާފައެވެ.

މިރޭގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ވިލިމާލެއަކީ ވިލިމާލެއަށްވީތީ އިހުމާލުވެ، ތަފާތުކުރެވިފައި އޮންނަންޖެހޭކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށް ވިދާޅުވެ، މި ހުރިހާ ދުވަހު ވިލިމާލޭ ރައްޔިތުންނަށް ހާސިލުނުވެ ހުރި ކަންކަމާއި އިތުރު ކަންކަންވެސް ފުރިހަމަ ކުރެއްވުމުގެ އަޒުމުގައި ހުންނެވިކަން ހާމަކުރައްވާފައެވެ.