Last Updated: July 6, 18:59
Monday, July 6, 2026
ޚަބަރު

އިންތިހާބުތައް ކާމިޔާބު ކުރެވޭނީ ބައިބައިވުން ނައްތާލައިގެން

ރައީސް ސޯލިހް، ނަޝީދު އަދި ފައްޔާޒު މަޝްވަރާ ކުރައްވަނީ - ފޮޓޯ: މުހައްމަދު ޝަރުހާން

ކުރިއަށް އޮތް އިންތިހާބުތައް އެމްޑީޕީއަށް ކާމިޔާބު ކުރެވޭނީ ޕާޓީގެ ތެރޭގައި އޮތް ބައިބައިވުން ނައްތާލައިގެން ކަމަށް އެ ޕާޓީގެ ޗެއާޕާސަން ކަމަށް އިއްޔެ އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް ބައްދަލުވުމުގައި، ޗެއާޕާސަންކަމުގެ މަގާމުން އިސްތިއުފާދެއްވިކަން އިއުލާންކުރައްވަމުން ފައްޔާޒް ވިދާޅުވީ މައިގަނޑު ގޮތެއްގައި އޭނާގެ ޗެއާޕާސަންކަމުގައި މަސައްކަތްކުރެއްވީ އެމްޑީޕީގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އޮތް ހިޔާލުތަފާތުވުންތަކާ ގުޅިގެން އުފެދުނު ބައިބައިވުން ނުވަތަ "ސްޕްލިޓް" އެއްކުރުމަށް ކަމަށެވެ.

"އަޅުގަނޑު އަދިވެސް ގަބޫލުކުރަނީ އެ ސްޕްލިޓް ރަނގަޅަށް އެއްވެގެންކަން އަޅުގަނޑުމެންނަށް ކުރިއަށްއޮތް އިންތިހާބުތައް ކާމިޔާބުކުރެވޭނީ. އަޅުގަނޑުމެންނަށް ހިތަށް ވީ ތަދުގެ ބަދަލު ހޯދަން އުޅެގެންނެއް އަޅުގަނޑުމެންނަށް ކުރިއެރުމެއް ލިބޭތަނެއް އަޅުގަނޑަކަށް ނުފެނޭ،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ސިޔާސީ ލީޑަރުންނަކީ އެކަހަލަ އިހުސާސްތަކުގެ މައްޗަށް އެރެން ޖެހޭނެ ބައެއް ކަމަށާއި އެ އިހުސާސްތަކުގެ މައްޗަށް އަރައި، ގައުމާއި ރައްޔިތުންނަށް ފައިދާވާނެ ނިންމުންތަކެއް ނިންމަން ޖެހޭނެ ބައެއް ކަމަށެވެ. އެގޮތުން އެ ލީޑަރުންނަކީ އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ކަމަށާއި މިއީ ކޮންމެހެން ވެސް ކުރަންޖެހޭ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެންގެ ތެރޭގައި އެ އޮތް ފިތުނަ ނައްތާލުމުގައި އަދި ރައްޔިތުންގެ ނޫނީ އާންމު މެންބަރުންގެ އެ ވިސްނުން ބަދަލުކުރުމުގައި ލީޑު ކުރަންޖެހޭ ބަޔަކީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި ތިބޭފުޅުން. ގައުމީ މަޖިލީހުގެ މެންބަރުން، އަޅުގަނޑުމެންގެ ލީޑާޝިޕުން. މިކަންކަން މިހެން ކުރުމާ އެއްކޮށް އަޅުގަނޑު މި ގަސްދުކުރަނީ މިވަގުތުން ފެށިގެން އެމްޑީޕީގެ ޗެއާޕާސަންކަމުން އިސްތިއުފާދިނުމަށް،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާންކުރައްވާފަ އެވެ.