1. ކާފަރުންނާ ވައްތަރު ނުވުން
އިބްނު ޢުމަރު رضي الله عنهما ގެ އަރިހުން ރިވާވެގެންވެ އެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވި އެވެ.
«مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ ». (رواه أبو داود).
މާނައީ: ”ބަޔަކާ ވައްތަރުވެގެންފި މިހަކު ވަނީ އެބަޔެއްގެ ތެރެއިންނެވެ.”
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވެފައި ވެއެވެ. މި ޙަދީޘްފުޅުގައިވާ އެންމެ ދަށު ދަރަޖަ އަކީ، އެ މީހުންނާ ވައްތަރުވުން ޙަރާމްވުމެވެ. އަދި މި ޙަދީޘްފުޅުގެ ބޭރުފުށުގެ މާނައިން ދޭހަވަނީ، އެމީހުންނާ ވައްތަރުވެގަންނަ މީހާ ކާފިރުވާނެކަމެވެ. މާތް الله ގެ ވަޙީބަސްފުޅުގައިވާ ފަދައިންނެވެ.
﴿وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْ﴾
މާނައީ: “އަދި ތިޔަބައިމީހުންގެ ތެރެއިން، އެ (ކާފަރުން) އެކުވެރިންގެ ގޮތުގައި ނަގައިފި މީހަކީ، ފަހެ ހަމަކަށަވަރުން އެ މީހުންގެ ތެރެއިންވާ މީހެކެވެ.”
2. ބިދުޢަވެރިންނާ ވައްތަރު ނުވުން
މާތް الله ވަޙީކުރައްވާފައިވެ އެވެ.
﴿ وَإِذَا رَأَيْتَ الَّذِينَ يَخُوضُونَ فِي آيَاتِنَا فَأَعْرِضْ عَنْهُمْ حَتَّىٰ يَخُوضُوا فِي حَدِيثٍ غَيْرِهِ ۚ وَإِمَّا يُنْسِيَنَّكَ الشَّيْطَانُ فَلَا تَقْعُدْ بَعْدَ الذِّكْرَى مَعَ الْقَوْمِ الظَّالِمِينَ ﴾ [النور: 63].
މާނައީ: “ތިމަންރަސްކަލާނގެ އާޔަތްތަކާމެދު ދޮގުވާހަކަ ދައްކައިއުޅޭ މީހުން ކަލޭގެފާނަށް ފެނިވަޑައިގެންފިނަމަ، އެއުރެން އެ ނޫން ވާހަކައެއް ދައްކައިފުމަށް ދާނދެން އެއުރެންގެ ކިބައިން ވަކިވެވަޑައިގަންނަވާށެވެ! އަދި ޝައިޠާނާ ކަލޭގެފާނު ހަނދުމަނެތި ކޮށްފިނަމަ (އެކަން) ހަނދުމަވުމަށްފަހު، އަނިޔާވެރިވީ މީސްތަކުންނާއެކު ފަހެ، ކަލޭގެފާނު ނީންނަވާށެވެ!”
އާޔަތުގެ ތަފްސީރުގައި އިބްނު ކަޘީރު رحمه الله ވިދާޅުވެފައިވެއެވެ. “މީގެ މުރާދަކީ މި އުންމަތުގެ އެއްވެސް ފަރުދެއް، މާތް الله ގެ އާޔަތްތަކުގެ މާނަ އޮޅުވާލައި ދޮގުވާހަކަ ދައްކާ އުޅޭ މީހުންނާއެކު މަޖިލިސް ކޮށްގެން ނުވާނެކަމެވެ.”
އާޔަތުގައި މާތް الله އަނިޔާވެރިންގެ ގޮތުގައި ސިފަކުރައްވާފައިވާ މީހުންގެ ތެރޭގައި މުޝްރިކުންނާއި، އެކަލާނގެ އާޔަތްތަކުގެ ޙަޤީޤީ މާނަ އޮޅުވާލައި ކޮންމެ މީހަކާއި އަދި ދީނުގައި ބިދުޢަ ހަދާ މީހުން ހިމެނިގެން ދެ އެވެ.
3. ފާސިޤުން (ފާފަވެރިން) ނާ ވައްތަރު ނުވުން
މާތް الله ވަޙީކުރައްވާފައިވެއެވެ.
﴿ وَلَـٰكِنَّ اللَّهَ حَبَّبَ إِلَيْكُمُ الْإِيمَانَ وَزَيَّنَهُ فِي قُلُوبِكُمْ وَكَرَّهَ إِلَيْكُمُ الْكُفْرَ وَالْفُسُوقَ وَالْعِصْيَانَ﴾ [الحجرات: ٧].
މާނައީ: “އަދި އެހެނެއްކަމަކު الله، ތިޔަބައިމީހުން އީމާންކަމަށް ލޯބިޖައްސަވައި، ތިޔަބައިމީހުންގެ ހިތްތަކުގައި އެ އީމާންކަން ޒީނަތްތެރި ކުރެއްވިއެވެ. އަދި ކާފިރުކަމާއި، ފާސިގުކަމާއި، އުރެދުމަށް ތިޔަބައިމީހުން ނުރުހުންތެރި ކުރެއްވިއެވެ.”
އެކަލާނގެ ނުރުއްސަވާ ކޮންމެ ކަމަކީ އެކަމުން އަހަރެމެން ދުރުވާން ޖެހޭ ކަމެކެވެ. އާޔަތުން އެނގޭ ގޮތުގައި ފާފަ ކުރުމަކީ އެ އިލާހު ނުރުއްސަވާ ކަމެކެވެ. އެހެންކަމުން ފާފަވެރިންނާ ދުރުވެ އެމީހުންގެ ގޮތްތައް ކޮޕީ ކުރުމުން ދުރުހެލިވެ ތިބޭ ބަޔަކަށް އަހަރެމެން ވާންޖެހެ އެވެ.
4. ފިރިހެނުން އަންނެހުންނާ ވައްތަރު ނުވުން އަދި އަންހެނުން ފިރިހެނުންނާ ވައްތަރު ނުވުން
އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެންވެ އެވެ.
لَعَنَ النبيُّ ﷺ المُخَنَّثِينَ مِنَ الرِّجالِ، والمُتَرَجِّلاتِ مِنَ النِّساءِ، وقالَ: أخْرِجُوهُمْ مِن بُيُوتِكُمْ وأَخْرَجَ فُلانًا، وأَخْرَجَ عُمَرُ فُلانًا (رواه البخاري).
މާނައީ: ފިރިހެނުންގެ ތެރެއިން އަންހެނުންނާ ވައްތަރުވެގަންނަ މީހުންނަށާއި، އަންހެނުންގެ ތެރެއިން ފިރިހެނުންނާ ވައްތަރުވެގަންނަ މީހުންނަށް ނަބިއްޔާ ﷺ ލަޢުނަތް ލެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. “އެފަދަމީހުން ތިޔަބައިމީހުންގެ ގެތަކުން (އެބަހީ: ރަށުން) ބޭރުކުރާށެވެ!”
އަދި އެކަލޭގެފާނު އެފަދަ މީހެއް (މަދީނާއިން) ބޭރުކުރެއްވިއެވެ. އަދި ޢުމަރު رضي الله عنه ވެސް އެފަދަ މީހެއް ބޭރުކުރެއްވިއެވެ. ޙަދީޘްފުޅުން ސާފުކޮށް އެނގޭ ގޮތުގައި ފިރިހެނުންނަށް އަންހެނުންނާ ވައްތަރު ނުވުމަށް ވަނީ އަންގަވާފައެވެ. އަދި އަންހެނުންނަށް ފިރިހެނުންނާ ވައްތަރު ނުވުމަށް ވަނީ އަންގަވާފައެވެ.
5. އަޢުރާބީންނާ ވައްތަރު ނުވުން
އިބްނު ޢުމަރު رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވެއެވެ.
«لا تَغْلِبَنَّكُمُ الأعْرابُ على اسْمِ صَلاتِكُمْ، أَلا إنَّها العِشاءُ». (رواه مسلم).
މާނައީ: “ތިޔަބައިމީހުންގެ (ޢިޝާ) ނަމާދުގެ ނަމުގެ މައްޗަށް އަޢުރާބީން ގަދަވިޔަ ނުދޭށެވެ! އެއީ ޢިޝާ ނަމާދު ނޫން ހެއްޔެވެ؟”
އަޢުރާބީން އެ ނަމާދަށް ކިޔަނީ ޢަތަމާއެވެ. މި ޙަދީޘްފުޅުގެ އަލީގައި އަޢުރާބީންނާ ވައްތަރު ނުވުމަށް އިސްލާމްދީން ބާރު އަޅުއްވާ ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އަޢުރާބީންނަކީ ސަހަރާ ތެރޭގައި އުޅޭ މީހުންނެވެ. ނާތަހުޒީބު ބައެކެވެ. އެ ގޮތުން ޝަރުޢުގައި ވާރިފުވެފައިވާ ނަންތައް ވެސް އެމީހުން ބޭނުންވާ ގޮތަށް ބަދަލުކުރަނީ އެވެ.
6. ޝައިޠާނުންނާ ވައްތަރު ނުވުން
އިބްނު ޢުމަރު رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވެއެވެ.
«إذا أكَلَ أحَدُكُمْ فَلْيَأْكُلْ بيَمِينِهِ، وإذا شَرِبَ فَلْيَشْرَبْ بيَمِينِهِ فإنَّ الشَّيْطانَ يَأْكُلُ بشِمالِهِ، ويَشْرَبُ بشِمالِهِ». (رواه مسلم).
\މާނައީ: “ތިޔަބައިމީހުންގެ ތެރެއިން މީހަކު އެއްޗެއް ކާކަމުގައިވަނީނަމަ، އޭނާގެ ކަނާއަތުން ކާހުށިކަމެވެ! އަދި އެއްޗެއް ބޯކަމުގައިވަނީނަމަ، އޭނާގެ ކަނާއަތުން ބޯހުށިކަމެވެ! ފަހެ ހަމަކަށަވަރުން ޝައިޠާނާ ކަނީ އެސޮރުގެ ވާތުންނެވެ. އަދި އެސޮރު ބޮނީވެސް ވާތުންނެވެ.” ޙަދީޘްގައި ބަޔާންވެފައި އެ ވަނީ ޝައިޠާނާ ވައްތަރުވުމުން ދުރުހެލި ވުމަށްޓަކައި ވާތުން ކެއުމާއި ބުއިން ދޫކޮށްލުމަށް އިރުޝާދުދެއްވާފައެވެ.
7. ޙައިވާނުންނާ ވައްތަރު ނުވުން
ކީރިތި ޤުރްއާނުގެ ނައްޞުތަކުން ދަލީލުކޮށްދޭ ގޮތުގައި ޙައިވާނުންނާ ވައްތަރު ވުމަކީ މަލާމާތް ރައްދުވާ ފަދަކަމެކެވެ. އެގޮތުން މަލާމާތް ރައްދުވާފަދަ ބައެއް ޙާލަތްތަކުގައިވާ މީހުން އެކަލާނގެ މިސާލު ޖައްސަވާފައި ވަނީ ޙައިވާނުންގެ މިސާލުންނެވެ.
މާތް الله ގެ ވަޙީބަސްފުޅުގެ މާނައިގައިވެއެވެ. ”ފަހެ، އޭނާގެ މިސާލު، ކުއްތާގެ މިސާލު ފަދައެވެ. އެއަށް ޙަމަލާ ދިނަސް، ދޫނެރެގެން އޮވެ މާނޭވާލައެވެ. ނުވަތަ އޭތިދޫކޮށްލިޔަސް، ދޫނެރެގެން އޮވެ މާނޭވާލައެވެ. ތިމަންރަސްކަލާނގެ އާޔަތްތައް ދޮގުކުޅަމީހުންގެ މިސާލަކީ އެއީއެވެ. ފަހެ، ކަލޭގެފާނު ވާހަކަތައް ކިޔައިދެއްވާށެވެ! (އެއީ) އެއުރެން ފިކުރުކުރުމަށްޓަކަ އެވެ.” (ސޫރަތުލް އަޢުރާފް، 176).
ނަބިއްޔާ ﷺ ގެ ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. “ތިޔަބައިމީހުން ސަޖިދައިގައި ސީދާވާށެވެ. (ބުރަކަށި ތެދުކުރާށެވެ!) އަދި ކުއްތާ ފެތުރިގަނެގެން އޮންނަ ފަދައިން ތިޔަބައިމީހުންގެ އަތްދަނޑިތައް ފަތުރައިނުލާށެވެ.” (رواه البخاري ومسلم).
މާތް الله ވަޙީކުރައްވާފައިވެ އެވެ.
﴿مَثَلُ الَّذِينَ حُمِّلُوا التَّوْرَاةَ ثُمَّ لَمْ يَحْمِلُوهَا كَمَثَلِ الْحِمَارِ يَحْمِلُ أَسْفَارًا ۚ بِئْسَ مَثَلُ الْقَوْمِ الَّذِينَ كَذَّبُوا بِآيَاتِ اللَّهِ ۚ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ ﴾ [الجمعة: ٥].
މާނައީ: “ތައުރާތަށް އަމަލުކުރުމަށް އަންގަވާފައިވަނިކޮށް، ދެން އެއާއެއްގޮތަށް އަމަލު ނުކުރި މީހުންގެ މިސާލަކީ، ފޮތްތަކެއް އުފުލާ ހިމާރުގެ މިސާލެވެ. الله ގެ އާޔަތްތައް ދޮގުކުރި މީހުންގެ މިސާލުގެ ހުރި ނުބައިކަމާއެވެ. އަދި އަނިޔާވެރި ބަޔަކަށް الله ތެދުމަގެއް ނުދައްކަވައެވެ.”
މަސްދަރު: އިލްމު.އެމްވީ