Last Updated: July 6, 18:59
Monday, July 6, 2026
ކުޅިވަރު

އެޒޭގެ ހެޓްރިކުން އާސެނަލުން ލީޑު ފުޅާކޮށްފި

ބެރެޗީ އެޒޭގެ ހެޓްރިކާ އެކު 4-1 އިން ޓޮޓެންހަމް ބަލިކޮށް، އާސެނަލުން އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.

ލީގުގެ އެއް ވަނައިގައި އޮތް އާސެނަލަށް 12 މެޗުން ވަނީ 29 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ޗެލްސީ އަށް ވަނީ 12 މެޗުން 23 ޕޮއިންޓް ލިބިފަ އެވެ. ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ ޗެލްސީއާ އެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އާސެނަލުން ލީޑުނެގީ މެޗުގެ 36 ވަނަ މިނިޓްގައި މިކޭލް މެރީނޯ ދިން ބޯޅައަކުން ލެއަންޑްރޯ ޓްރޮސާޑް ޖެހި ގޯލުންނެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން އެޒޭ ވަނީ އާސެނަލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު ޖޫރިއަން ޓިމްބާ ދިން ބޯޅައަކުން އެޒޭ ވަނީ އާސެނަލްގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.

މެޗުގެ 55 ވަނަ މިނިޓްގައި ހާފުގެ މެދެއްހާ ހިސާބުން ރިޗާލިސަން ޖެހި ގޯލުން ޓޮޓެންހަމަށް އުންމީދެއް ލިބުނު ނަމަވެސް، މެޗުގެ 76 ވަނަ މިނިޓްގައި ޓްރޮސާޑް ދިން ބޯޅައަކުން އެޒޭ ވަނީ އާސެނަލްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށް އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

އެޒޭ ،27، އަކީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ކްރިސްޓަލް ޕެލެސް ދޫކޮށް އާސެނަލްއާ ގުޅުނު ކުޅުންތެރިއެކެވެ. އާސެނަލްއާ ގުޅުމުގެ ކުރިން އޭނާ ޓޮޓެންހަމަށް ބަދަލުވުމާ ވަރަށް ގާތަށް ވެސް ގޮސްފައިވެ އެވެ.