Last Updated: July 6, 18:59
Monday, July 6, 2026
ކުޅިވަރު

ފަހު ވަގުތު ބެލިންހަމް ރެއާލް ސަލާމަތްކޮށްދީފި

ސްޕެނިޝް ލީގުގައި ރޭ ފަހު ވަގުތު ޖޫޑް ބެލިންހަމް ޖެހި ލަނޑުން އެލްޗޭ އަތުން ރެއާލް މެޑްރިޑް ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

އެލްޗޭ އާއި ރެއާލް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މިއީ ލީގުގައި ރެއާލް ޖެހިޖެހިގެން އެއްވަރުވި ދެވަނަ މެޗެވެ.

މި ނަތީޖާއާ އެކު ރެއާލް ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތީ 13 މެޗުން 32 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބާސާ އަށް 13 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ. ތިން ވަނައިގައި ވިޔަރެއާލް އޮތީ 13 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ.

އެލްޗޭގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މެޗުގެ 53 ވަނަ މިނެޓްގައި އެލެއިކްސް ފެބާސް ވަނީ އެލްޗޭއަށް ލީޑު ނަގައިދީފަ އެވެ. މި ގޯލާއެކު ރެއާލުން ބަދަލުތައް ގެނެސްގެން އެލްޗޭގެ ފަހަތަށް ބާރުބޮޑުކުރަން މަސައްކަތް ކުރިއިރު، މެޗުގެ 78 ވަނަ މިނެޓްގައި ޑީން ހައުސަން ވަނީ ރެއާލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

މެޗުގެ 84 ވަނަ މިނެޓްގައި އަލްވަރޯ ރޮޑްރިގޭޒް އެލްޗޭއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިން ނަމަވެސް އޭގެ ތިން މިނެޓް ފަހުން ބެލިންހަމް ވަނީ ރެއާލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކިލިއަން އެމްބާޕޭއަށް ކުރި ފައުލަކާ ގުޅިގެން އެލްޗޭގެ ވިކްޓަ ޗުސްޓް އަށް ދެވަނަ ރީނދޫ ކާޑާއެކު ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.

ލީގުގައި ރެއާލް ދެން ބައްދަލުކުރާނީ ޖިރޯނާއާ އެވެ.