އެމްޑީޕީގެ ޗެއާޕަސަންގެ މަގާމުން އިސްތިއުފާ ދެއްވި ފައްޔާޒް އިސްމާއީލަކީ އެ ޕާޓީ އުފެއްދުނީއްސުރެ ވަރަށް ގިނަ ހިދުމަތްތަކެއްކޮށްފައިވާ ބޭފުޅެއް ކަމަށް އެމްޑީޕީގެ ރައީސްކަމުގެ އިތުރުން ޗެއާޕާސަންގެ މަގާމު ވެސް ކުރިން ފުރުއްވި މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ފައްޔާޒް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ފައްޔާޒަކީ ޖެހިލުންވެވަޑައިގަތުމަށް ނެތި ޕާޓީގެ މަސައްކަތްތަކުގައު ދެމިހުންނަވައި ޖަލަށް ވަޑައިގަންނަވަން ޖެހުނު ވަގުތު އެކަމާ ވެސް ކުރިމަތިލެއްވި ބޭފުޅެއް ކަމަށެވެ.
"ޕާޓީއާ އެކު ފައްޔާޒަށް އިތުރު ކާމިޔާބީއެއް އެދެން" 2023 ގައި އެމްޑީޕީ ދޫކޮށްލެއްވުމަށް ފަހު މި އަހަރު އަލުން އެ ޕާޓީއާ ގުޅިވަޑައިގެންފައިވާ ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ފައްޔާޒް ވިދާޅުވެފައި ވަނީ މައިގަނޑު ގޮތެއްގައި އޭނާގެ ޗެއާޕާސަންކަމުގައި މަސައްކަތްކުރެއްވީ އެމްޑީޕީގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އޮތް ހިޔާލު ތަފާތުވުންތަކާ ގުޅިގެން އުފެދުނު ބައިބައިވުން އަލުން އާލާކުރަން ކަމަށެވެ.
"އަޅުގަނޑު އަދިވެސް ގަބޫލުކުރަނީ އެ ސްޕްލިޓް ރަނގަޅަށް އެއްވެގެންކަން އަޅުގަނޑުމެންނަށް ކުރިއަށް އޮތް އިންތިހާބުތައް ކާމިޔާބު ކުރެވޭނީ،" އޭނަ ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް ހިތަށް ވީ ތަދުގެ ބަދަލު ހޯދަން އުޅެގެންނެއް އަޅުގަނޑުމެންނަށް ކުރިއެރުމެއް ލިބޭ ތަނެއް އަޅުގަނޑަކަށް ނުފެނޭ."
ފައްޔާޒް ވިދާޅުވީ ސިޔާސީ ލީޑަރުންނަކީ އެކަހަލަ އިހުސާސްތަކުގެ މައްޗަށް އެރެން ޖެހޭނެ ބައެއް ކަމަށާއި އެ އިހުސާސްތަކުގެ މައްޗަށް އަރައި، ގައުމާއި ރައްޔިތުންނަށް ފައިދާވާނެ ނިންމުންތަކެއް ނިންމަން ޖެހޭނެ ބައެއް ކަމަށެވެ. އަދި ލީޑަރުންނަކީ އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ކަމަށާއި މިއީ ކޮންމެހެން ވެސް ކުރަންޖެހޭ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެންގެ ތެރޭގައި އެ އޮތް ފިތުނަ ނައްތާލުމުގައި އަދި ރައްޔިތުންގެ ނޫނީ އާންމު މެންބަރުންގެ އެ ވިސްނުން ބަދަލުކުރުމުގައި ލީޑު ކުރަން ޖެހޭ ބަޔަކީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި ތިބޭފުޅުން."
ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވި އިރު ދެން އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވެ އެވެ.