ސަރުކާރުން ކުރިއަށް ގެންދާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއާ ގުޅޭ މައުލޫމާތު އައްޑޫ ހިތަދޫ ޝަރަފުއްދީން ސްކޫލްފެ ދަރިވަރުންނަށް ދީފި އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ޓީމަކުން އެކަމަށް ހާއްސަކޮށްގެން އިއްޔެ ބޭއްވި ސެޝަނެއްގައި ވަނީ ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމުކަމާއި ގަސްގަހާގެހީގެ ދައުރާ މެދު ދަރިވަރުންނަށް ގިނަ މައުލޫމާތުތަކެއް ދީފަ އެވެ.
އެގޮތުން ޝަރަފުއްދީން ސްކޫލުގައި ކުރިއަށް ގެންދިޔަ ސެޝަންގައި ގަސްގަހާގެހީގެ އެކި ބާވަތްތަކާއި، ގަސްތަކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ފައިދާތަކުގެ މައްޗަށް މައުލޫމާތު ދީފައިވެ އެވެ. މީގެ އިތުރުން، ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢޫގެ ތަފްސީލުތަކާއި، މި މަޝްރޫޢޫގައި ދަރިވަރުންނަށް ބައިވެރިވެވޭނެ ގޮތްތަކާއި ބެހޭ ގޮތުން ވެސް މައުލޫމާތު ޙިއްސާކުރި އެވެ.
މިނިސްޓްރީން ބުނީ ދަރވަރުންނަށް ހާއްސަކުރާ މިފަދަ ސެޝަންތަކުގެ ބޭމުމަކީ ދަރިވަރުންގެ ތެރޭގައި ތިމާވެއްޓަށް އޮންނަ ލޯބި އިތުރުކޮށް، ގަސް އިންދުމަށް ހިތްވަރު ދިނުން ކަމަށެވެ. އަދި މީގެ ސަބަބުން، ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޒިންމާދާރު ޖީލެއް ބިނާކުރުމަށް އެހީތެރި ވެދޭނެ ކަމަށް ވެސް ބުންޏެވެ.
ފަސް މިލިއަން ގަަސް އިންދުމުގެ ޕްރޮގްރާމަކީ މިދިޔަ އަހަރުގެ ތިމާވެށީ ދުވަސް ކަމަށްވާ ޖޫން 5 ގައި ފެށި މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ އެކި ހިސާބުތަގައި އެއް މިލިއަން ގަސް އިންދޭނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނެފައިވެ އެވެ.