Last Updated: June 7, 22:00
Sunday, June 7, 2026
މުނިފޫހިފިލުވުން

ސަލްމާންގެ އާ ފިލްމު ފިތުރު އީދުގައި ގެނެސްދެނީ؟

ބޮލީވުޑްގެ ތަރި ސަލްމާން ޚާން މިހާރު ކުޅެމުން އަންނަ ފިލްމު "ބެޓްލް އޮފް ގަލްވާން" އަންނަ އަހަރުގެ ފިތުރު އީދުގައި ގެނެސްދޭން ޕްލޭން ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފަައިވާ ގޮތުގައި އަޕޫރްވާ ލާކިއާ ޑައިރެކްޓްކުރާ މި ފިލްމު ސިނަމާތަކަށް ގެންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ޖޫން ހިސާބުގަ އެވެ. ނަމަވެސް މިހާރު "ބެޓްލް އޮފް ގަލްވާން" ގެ ޓީމުން އެ ފިލްމު ފިތުރު އީދުގައި ގެނެސްދެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

އެކަމަކު މިކަމާ ބެހޭ ގޮތުން ރަސްމީކޮށް ޓީމުން އަދި ވަކި އެއްޗެއް ނުބުނެ އެވެ. ނަމަވެސް ފާހަގަކޮށްލެވޭ ކަމަކީ ސަލްމާނަކީ ބޮލީވުޑްގެ ތަރިންގެ ތެރެއިން އާންމުކޮށް އޭނަގެ ފިލްމުތައް ފިތުރު އީދާ ދިމާކޮށް ގެނެސްދޭ ތަރިއެއްކަމެވެ. އޭނަގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ "ސިކަންދަރު" އަކީ މި އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރި ފިލްމެކެވެ.

ސަލްމާންގެ 16 ފިލްމެއް 1997 އިން ފެށިގެން މިހާތަނަށް ފިތުރު އީދުގައި ގެނެސްދީފައިވެ އެވެ.

"ބެޓްލް އޮފް ގަލްވާން" ފިތުރު އީދުގައި ގެނެސްދޭން އުޅޭކަމުގެ ވާހަކަ ދެކެވެމުން އަންނަ އިރު، އެހެން ދެ ފިލްމެއް މިހާރު ވެސް އޮތީ ފިތުރަށް އީދަ ތާވަލުކޮށްފަ އެވެ. އެގޮތުން އަޖޭ ދޭވްގަންގެ "ދަމާލް 4" އާއި "ކޭޖީއެފް" ގެ ތަރި ޔާޝްގެ "ޓޮކްސިކް" އަކީ ފިތުރު އީދާ ދިމާކޮށް މާޗް 4 އަށް ތާވަލުކޮށްފައިވާ ދެ ފިލްމެވެ.

ރިޕޯޓްތައް ބުނާ ގޮތުން ސަލްމާންގެ ފިލްމު ފިތުރު އީދަށް ގެނައުމުގެ ވާހަކަތަކެއް ދެކެވެން ފެށީ މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޝޫޓިން ފެށި ފިލްމުގެ ޝޫޓިން އަންނަ މަހަށް އެއްކޮށް ނިންމައިލެވޭނެތީ އެވެ. އަދި އަހަރުގެ ފުރަތަމަ ދެ މަހުގެ ތެރޭގައި "ބެޓްލް އޮފް ގަލްވާން" ގެ ޕޯސްޓް-ޕްރޮޑަކްޝަން ނިމޭނެ ކަމަށް ބުނެފައިވެ އެވެ.

އެހެންވެ ސަލްމާންގެ ފޭނުން މިހާރު އަންނަނީ އާ ފިލްމު ފިތުރު އީދުގައި ގެނެސްދޭނެތޯ އިއުލާން ކުރާނެ އިރަކަށް އިންތިޒާރު ކުރަމުންނެވެ.