މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށް ސަރުކާރުން ހިންގާ ޔޫތު އިންޓާންޝިޕް ޕްރޮގްރާމަށް ހޮވުނު ބައިވެެރިންނަށް ލިޔުން ހަވާލުކޮށްފި އެވެ
މި ޕްރޮގްރާމުގެ ފުރަތަމަ ބެޗުން ފުރުސަތު ދިނީ 5 ބައިވެރިއަކަށެވެ. އެ ބައިވެރިންނަށް ލިޔުން ހަވާލުކުރީ ފިޝަރީޒް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު އަހުމަދު ޝިޔާމެވެ.
މަސްވެރިކަމުގެ ދާއިރާ އިން ހިންގާ ޔޫތު އިންޓާންޝިޕް ޕްރޮގްރާމަކީ ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ 'ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް' ގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މިނިސްޓްރީން ބުނި ގޮތުގައި ޕްރޮގްރާމަށް ބައިވެރިން ކުރިމަތިލާ ހުޅުވައިލުމުން އެޕްލައި ކުރި 7 ޒުވާނުންގެ ތެރެއިން އިންޓަވިއު މަރުހަލާތަކަށް ފަހު އެންމެ ރަނގަޅު ފަސް ބައިވެރިންނަށް އިސްކަން ދީގެންނެވެ.
ޕްރޮގްރާމަށް ހޮވުނު ޒުވާނުން މަސް ދޯނިތަކުގައި ތިން މަސް ދުވަހު މަސައްކަތްކޮށް އަމަލީ ގޮތުން މަސްވެރިކަމުގެ ހުނަރާއި ތަޖުރިބާ ހޯދާނެ އެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވީ މި ސިނާޢަތަށް ޒުވާނުން ނެރުމަށްޓަކައި މިއީ ކިހާވަރެއްގެ މަސައްކަތެއްކަން ޒުވާނުންނަށް ބުނެދޭން ޖެހޭ ކަމަށެވެ. އަދި މިކަމުގައި މުރާލިކަމާއެކު ޒުވާނުން ހަރަކާތްތެރިވުން މުހިންމުކަން ވަޒީރު ފާހަގަކުރެއްވި އެވެ.
"މަސްވެރިކަމުގައި ޒުވާނުން ދެމިތިބުން ބޭނުން ވަނީ. އަޅުގަނޑުމެން ބޭނުމެއް ނުވޭ އަޅުގަނޑުމެންގެ ދޯނިތަކުގައި ބިދޭސީން ޑޮމިނޭޓް ކުރާތަން ފެންނާކަށް،" އޭނަ ވިދާޅުވި އެވެ. "މި ސިނާޢަތުގައި ދިވެހިން ދެމިތިބޭނީ ގިނަ ޒުވާނުން މި ސިނާޢަތުގެ ތެރެއަށް ވަދެގެން."