އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި އަހަރުގެ ޤުރުއާން މުބާރާތް ފަށައިފި އެވެ.
މި ބާއްވާ މި މުބާރާތުގައި ޖުމްލަ 342 ބައިވެރިން ވާދަކުރެ އެވެ. އޭ ތެރެއިން 287 ދަރިވަރުންނަކީ އައްޑޫގެ 12 ސްކޫލަކުން ބައިވެރިވެފައިވާ ދަރިވަރުންނެވެ. އެއީ، ބަލައިގެން ކިޔެވުމުގެ ގޮފިން 179 އަދި ނުބަލައި ކިޔެވުމުގެ ގޮފިން 108 ދަރިވަރުންނެވެ.
މި މުބާރާތް ކުރިއަށް ގެންދަނީ ފަސް ކެޓާގަރީއަކަށް ބަހާލާއިގެންނެވެ. އެއީ ސްކޫލްތަކުގެ ބައި، ޤުރުއާން ކްލާސްތަކުގެ ބައި، ޤުރުއާން މުދައްރިސުންގެ ބައި، އޮފީސްތަކުގެ ބައި، އަދި ހާފިޒުންގެ ބައެވެ. އޮފީސްތަކުގެ ބައިގައި ތިން މުއައްސަސާ އެއް ބައިވެރިވެފައިވެ އެވެ.
މި ހަތަރު ކެޓަގަރީ އިން 55 ބައިވެރިން ބައިވެރިވެފައިވެ އެވެ. ޤުރުއާން ކްލާސްތަކުގެ ބައިން ހަތަރު ކްލާސް، ޤުރުއާން މުދައްރިސުންގެ ބައިން ދެ ސްކޫލަކުން މުދައްރިސުން ބައިވެރިވެފައިވެ އެވެ. އޮފީސްތަކުގެ ބައިން ތިން މުއައްސަސާއެއް ބައިވެރިވެފައިވެ އެވެ.
މުބާރާތުގެ ފަނޑިޔާރުންނަކީ ޑރ. އިލްޔާސް ޙުސައިނާއި އަލްޙާފިޡު މުހައްމަދު ސާލިޙް އަހުދު، އަދި އަލްޙާފިޡު ނަސީމް ފަތުޙީ އެވެ.
ހިތަދޫގައި ހުންނަ އައްޑޫ ސްކޫލްގެ ހޯލުގައި ކިޔެވުމުގެ ދަންފަޅިތައް ކުރިއަށް ގެންދާ މުބާރާތް ހަތް ދުވަހަށް ދެމިގެން ދާނެ އެވެ.
މިއީ އައްޑޫ ސިޓީ ކައުންސިލުން ބާއްވާ 4 ވަނަ ޤުރްއާން މުބާރާތެވެ.