Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އައްޑޫގައި ސިޒޭރިއަން ހެދި މީހަކު މަރުވެއްޖެ

ސިމްޑީ ގްރޫޕުން އައްޑޫގައި ހިންގަމުން އަންނަ ހޮސްޕިޓަލް އައިއެމްޑީސީގައި ސިރޭޒިއަން ހެދި މީހަކު މަރުވެއްޖެ އެވެ.

އިއްޔެ ހެދި ސިޒޭރިއަނަށް ފަހު މިއަދު ފަތިހުގެ ވަގުތެއްގައި މަރުވީ އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޔުނިޓުގެ އެސޯސިއޭޓް ކައުންސިލް އޮފިސަރުގެ މަގާމު އަދާކުރަމުން އައި ހިތަދޫ، ތަމަންނާގޭ އާއިޝަތު ނަޒާހަތު އަހްމަދުދީދީ، 28، އެވެ.

އޭނަގެ މަރާ ގުޅިގެން އައްޑޫ މޭޔަރު އަލީ ނިޒާރާއި ބައެެއް ކައުންސިލަރުން ވެސް ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރައްވައި އާއިލާ އަށް ތައުޒިޔާ ވިދާޅުވެފައިވެ އެވެ.

އައިއެމްޑީސީން ބުނީ ނަޒާހަތު ސިޒޭރިއަނަށް ފަހު ވެސް ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް ފަތިހު އޭނަގެ ހާލަތު ކުއްލިއަކަށް ގޯސްވެ ފިޓް ޖެހުނު ކަމަށް އެތަނުން ބުންޏެވެ. އެއާ އެކު ނަޒާހަތަށް ބޭނުންވާ ފަރުވާ ދެމުން ދިޔަ ކަމަށާއި ނަމަވެސް އޭނަގެ ޙާލަތު އިތުރަށް ގޯސްވާން ފެށުމުން އިމަޖެންސީކޮށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އޭއީއެޗް) އަށް ނަޒާހަތު ގެންދިޔަ އެވެ.

ނަމަވެސް އެތަނަށް އޭނަ ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ބުނެފައިވެ އެވެ.

ނަހާޒާތުގެ ހާލު ގޯސްވެ މަރުވި އިރު، ކުއްޖާ އަށް ވެސް މިހާރު އަންނަނީ އޭއިއެޗްގައި ފަރުވާ ދެމުންނެވެ. އަދި ކުއްޖާގެ ހާލު ވެސް ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުންޏެވެ. އެއީ ނަޒާހަތުގެ އަލަތު ދަރިފުޅެވެ.