Last Updated: June 7, 22:00
Sunday, June 7, 2026

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ދަރުމެންދުރާ މިއަދު މަރުވެއްޖެ އެވެ.

އުމުރުން 89 އަހަރުގެ އެކްޓަރު މަރުވީ އޭނަގެ ސިއްހީ ހާލަތު މިއަދު ކުއްލި ގޮތަކަށް ގޯސްވެ، މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލަށް ގެންދިޔަ ތަނާ ކަމަށް މީޑިއާތަކުން ބުނެ އެވެ.

ދަރޭގެ ސިއްހީ ހާލަތު ދެރަވެގެން މިދިޔަ މަހުގެ ތެރޭގައި ވެސް އޭނަ ދެ ފަަހަރެއްގެ މަތިން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދީފައިވެ އެވެ. ހޮސްޕިޓަލުން އޭރު ދަރޭ ދޫކޮށްލީ މިދިޔަ މަހުގެ 31 ގަ އެވެ. އޭހެ ފަހުން ބްރީޗް ކޭންޑީ ހޮސްޕިޓަލްގެ ޓީމަކުން އޭނަ އަށް ފަރުވާ ދެމުން ދިޔައީ ގޭގަ އެވެ.

ހިންދީ ސިނަމާގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ދަރޭ އަކީ ފިލްމީ ތަރިން ކަމަށްވާ ސަނީ އާއި ބޮބީގެ އިތުރުން ބަތަލާ އީޝާ ޑިއޯލްގެ ބައްޕަ އެވެ. އަދި ބަތަލާ ހެމާ މާލިނީ އަކީ ދަރޭގެ ހަގު އަނބި އެވެ.

ހިންދީ ސިނަމާގެ އެންމެ އައިކޮނިކް އެއް ފިލްމު ކަމަށްވާ 1975 ގެ "ޝޯލޭ" ގެ އެއް ބަތަލު ކަމަށްވާ ދަރޭ މިހާތަނަށް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވެ އެވެ. އަދި އޭނަ ފާހަގަ ކުރެވިފައި ވަނީ ހިންދީ ސިނަމާގެ އެންމެ ރީތި އެއް އެކްޓަރުގެ ގޮތުގަ އެވެ. އެހެންވެ ލަގަބެއްގެ ގޮތުގައި ދަރޭ އަށް "ހީ-މޭން" ގެ ނަން ވެސް ބޭނުން ކުރެ އެވެ.

ދަރޭ މިއަދު މަރުވި އިރު އަންނަ މަހުގެ 25 ގައި އޭނަގެ ފިލްމެއް ސިނަމާތަކަށް ގެންނަން ވެސް އޮތީ ތާވަލުކޮށްފަ އެވެ. އެއީ މެޑޮކް ފިލްމްސްގެ "އިއްކީސް" އެވެ. މި ފިލްމަކީ ދަރޭއާ އެކު "ޝޯލޭ" ގައި މަސައްކަތްކުރި އަމީތާބް ބައްޗަންގެ ކާފަދަރިފުޅު އަގަސްތިއާ ނަންދާގެ ދެވަނަ ފިލްމެވެ.

ފަސްދޮޅަހުގެ އަހަރުތަކުގެ ކުރީކޮޅު ކުރީކޮޅި ފިލްމީ ކެރިއަރު ފެށި ދަރޭ އެންމެ ފަހުން ފެނިފައި ވަނީ މެޑޮކް އިން މިދިޔަ އަހަރު ޝާހިދު ކަޕޫރާއި ކްރިތީ ސެނަންއާ އެކު ގެނެސްދިން "ތޭރީ ބާތޯ މޭ އޭސާ އުލްޖާ ޖިއާ" އިންނެވެ.