Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ވިޔަފާރިތަކަށް ހަރުމުދާ ހޯދަން ހާއްސަ ސްކީމެއް ތައާރަފުކޮށްފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ހަރުމުދާ ހޯދުމަށް ދިމާވާ މާލީ ދަތިތަކަށް ހައްލެއް ހޯދައި ދިނުމަށްޓަކައި އެސްއެމްއީ ޑިޖިޓަލްއިން އާ ފައިނޭންސިން ޕްރޮޑަކްޓެއް ލޯންޗްކޮށް، މިއަދު އެޕްލިކޭޝަނަށް ހުޅުވާލައިފި އެވެ.

މި ފައިނޭންސިންގެ ދަށުން، ހުރިހާ ދާއިރާއެއް ހިމެނޭހެން މިހާރު ވެސް ހިނގަމުން އަންނަ ވިޔަފާރިތަކުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ މެޝިނަރީ، އިކްޕްމަންޓް، ވިޔަފާރިއަށް ބޭނުންވާ އެއްގަމު އުޅަނދާއި ކަނޑު އުޅަނދުފަހަރުގައި އިންޖީނު އެޅުން ފަދަ ބޭނުންތަކަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދަށުން ހިންގާ އެސްއެމްއީ ޑިޖިޓަލްއިން ބުނީ އާ ފައިނޭންސިން ސްކީމް ބޭނުންކޮށްގެން ޝަރީޢާ އުސޫލުތަކުގެ ތެރެއިން 100،000-5،000،000ރ. ހަމައަށް ފައިނޭންސް ލިބޭނެ ކަމަށެވެ. އަދި އެއްވެސް ރަހުނަކާ ނުލައި 1،000،000ރ. އާއި ހަމައަށް ތަކެތި ގަތުމަށް ފައިނޭންސިން ފޯރުކޮށްދޭއިރު، ފެސިލިޓީ އަނބުރާ ދެއްކުމަށް ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން 7 އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.

ރަހުނެއް އެކުލެވޭ ފެސިލިޓީ ނަގާ ނަމަ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ކަނޑައަޅާފައިވާއިރު، މީގެ ތެރޭގައި 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނެ އެވެ. އަހަރަކަށް ފައިދާ ހިސާބުކުރާނީ 9-10.5 ޕަސެންޓާ ދެމެދުގަ އެވެ.

މި ފައިނޭންސިން ސްކީމްގެ ސަބަބުން ވިޔަފާރިތަކުގެ އޮޕަރޭޝަންތައް ފުޅާކޮށް، ދިވެހި އިގުތިސާދަށް އިތުރުކުރިއެރުން ގެނެސްދިނުމަށް އެހީތެރިވެދޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލް އިން ބުންޏެވެ.