ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިވިޔަސް އަދި ވަކި ކުރިޔަސް ގޮނޑި ގެއްލޭ ގޮތަށް އޮތް މާއްދާއަށް ބަދަލު ނުގެންނަން ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.
މަޖިލީހުގެ މެންބަރަކު ސިޔާސީ ޕާޓީއަކުން އަމިއްލަ ވަކިވިޔަސް އަދި ވަކި ކުރިޔަސް ގޮނޑި ގެއްލޭ ގޮތަށް އޮތް މާއްދާ ބަދަލުކުރަން ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު އެވެ.
ޝުޖާއު ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ސިޔާސީ ޕާޓީއަކުން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ މެންބަރެއްގެ ގޮނޑި ގެއްލޭނީ އޭނާ މަގާމުން ވަކި ކުރަން ނަގާ ރިފެރެންޑަމް (ރައްޔިތުންގެ ފެންނަ ނުފެންނަ) ވޯޓެއްގައި ރައްޔިތުން އެގޮތަށް ނިންމައިފި ނަމަ ކަމަށެވެ.
އޭނާ ހުށަހެޅުއްވީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް އަކުރެއް އިތުރު ކުރުމަށެވެ. އެ އަކުރުގައި ބުނެފައި ވަނީ ޕާޓީއިން ވަކި ކުރާ ހާލަތްތަކުގައި ނުވަތަ އަމިއްލައަށް ވަކިވާ ހާލަތްތަކުގައި މެންބަރެއްގެ ގޮނޑި ގެއްލޭނީ އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި އެކަމަށް ނަގާ ފެންނަ ނުފެންނަ ވޯޓަކަށް ފަހު ކަމަށެވެ.
މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ރޯލް ކޯލް ވޯޓު ނަގަން ޖެހޭ ކަމަށް ބަޔާން ކުރާ މާއްދާ ބިލުން އުނިކުރަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ (އައިބީ) އެވެ. އެ ހުށަހެޅުން ފާސްވީ ޕީއެންސީގެ 50 މެންބަރުންގެ ވޯޓުންނެވެ.
ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުއަސާސީގައި ކަނޑައެޅީ މިިދިޔަ އަހަރު އެވެ. އެ މާއްދާ ބާތިލްކުރަން ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފަ އެވެ.