Last Updated: July 6, 20:14
Monday, July 6, 2026
ޚަބަރު

އަތޮޅު ކައުންސިލުތައް އުވާލަން ކޮމިޓީން ފާސްކޮށްފި

އަތޮޅު ކައުންސިލްތައް އުވާލަން ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި އެވެ.

އަތޮޅު ކައުންސިލްތައް އުވާލަން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.

މި ބިލް ދިރާސާކުރި މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބިލް ފާސްކުރީ ކޮމިޓީއަށް ހާޒިރުވަޑައިގެން ތިއްބެވި 62 މެންބަރުންގެ ތެރެއިން 52 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީގެ 10 މެންބަރުން ވޯޓު ދެއްްވީ ބިލް ފާސް ނުކުރުމަށެވެ.

ބިލުގައި އިސްލާހު ހުށަހަޅާފައިވަނީ ދެން އޮންނަ ކައުންސިލް އިންތިހާބުން ފެށިގެން އަތޮޅު ކައުންސިލުތައް އިންތިހާބުކުރަން ނުޖެހޭ ގޮތަށް ހެދުމަށެވެ.

ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ (ހ)ގެ ތިން ވަނަ ނަންބަރުގައިވާ ބުނަނީ، އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތަކުގައި އަތޮޅު ކައުންސިލް ވެސް ހިމެނޭ ކަމަށެވެ. އަދި އަތޮޅު ކައުންސިލްގެ ރައީސްއާއެކު އެ ކައުންސިލުގައި ދެން ހިމެނެނީ އެ އަތޮޅެއްގެ ރަށު ކައުންސިލުތަކުގެ ރައީސުން ކަމަށް ވެސް ކަނޑައަޅާފައިވެ އެވެ.

ނަމަވެސް ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުގައި ވަނީ އެކަން ކަނޑައަޅާފައިވާ ގާނޫނުއަސާސީގެ އެ އަކުރު އުނިކުރުމަށެވެ.

އޭގެ ސަބަބުން އަތޮޅު ކައުންސިލުތައް އުވޭނެ އެވެ.

ނަމަވެސް އިސްލާހުގައި ވަނީ މިހާރު އިންތިހާބުކޮށްފައިވާ އަތޮޅު ކައުންސިލުތައް ދައުރު ހަމަވަންދެން ދެމިތިބޭނެ ކަމަށެވެ.

އަތޮޅު ކައުންސިލަކީ ބޭކާރު ކަމެއް ކަމަށް ބުނެ އެ އުވާލުމުގެ ވާހަކަ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކި ޕްލެޓްފޯމްތަކުގައި ދައްކަވާފައިވެ އެވެ. އަދި އަތޮޅު ކައުންސިލްތައް އުވާލުމުން ހަދަރުތައް ކުދަވެ، ކައުންސިލްތައް އިތުރަށް ބާރުވެރިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.