Last Updated: July 6, 20:14
Monday, July 6, 2026
ޚަބަރު

ރަނގަޅު ގޮތަކީ ސޯލިހާއި އަޅުގަނޑު ވާދަނުކުރުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު-

އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތަކީ ކުރިއަށް އޮތް 2028 ގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނު ވެސް ވާދަނުކުރެއްވުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ މެންބަރުން ތިބޭ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީއަށާއި ރާއްޖެއަށް ވެސް ރަނގަޅު ވާނީ ސޯލިހާއި އެމަނިކުފާނު ވެސް 2028ގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރުން ކަމަށް ތަކުރާރުކޮށް ވިދާޅުވާން ބޭނުންފުޅުވާ ކަމަށެވެ. އޭގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ ހުރިހާ ބޭފުޅުން އެއް ކެންޑިޑޭޓެއްގެ ފަހަތަށް އެރުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ޗެއާޕާސަންކަމުން ކުއްލި ގޮތަކަށް ރޭ ފައްޔާޒު އިސްމާއިލް ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނަށް އެޑްރެސްކޮށް ފައްޔާޒު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ ޕާޓީގެ ކަންކަން ކުރިއަށް ގެންދިއުމުގައި އޭނާއަކީ ހުރަހަކަށް ވިޔަ ނުދިނުމަށްޓަކައި ކަމަށެވެ.

"ހަމަ އެހެންމެ، ޕާޓީގެ ރޯޑުމެޕަށް އާންމުންގެ ހިޔާލު ހޯދުމަށް އަޅުގަނޑު މެންބަރުންނާ ބައްދަލުވި ބައްދަލުވުންތަކުގައި ޕާޓީގެ ލީޑަރުންނާމެދު ބަސްބުނުމުގެ ފުރުސަތު ހުޅުވާލާނޭ ކަމުގެ ވައުދު އަޅުގަނޑު ވެފައި ވާނެ އެވެ. މި ޖާގަ ހުޅުވާލުމަށްޓަކައި މި ވަގުތުން ފެށިގެން ޕާޓީގެ ޗެއަރޕާސަންގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދީފީމެވެ،" ސިޓީގައިވެ އެވެ.

ފައްޔާޒު ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާންކުރައްވާފަ އެވެ.