Last Updated: July 6, 20:14
Monday, July 6, 2026
ޚަބަރު

މިދިޔަ ހަފްތާގައި ބްރިޖާއި ހައިވޭގައި 45 އެކްސިޑެންޓް

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ބްރިޖާއި ހައިވޭގައި 45 އެކްސިޑެންޓު ހިނގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އާންމުކުރި ތަފާސްހިސާބުން އެނގޭ ގޮތުގައި މި މަހުގެ 16 އިން 22 ވަނަ ދުވަހުގެ ނިޔަލަށް ބްރިޖާއި ހައިވޭގައި ހިނގި 45 އެކްސިޑެންޓުގެ ތެރޭގައި ގިނައީ ސައިކަލާއި ކާރު ޖެހިގެން ހިނގާފައިވާ އެކްސިޑެންޓުތަކެވެ. އެގޮތުން އެފަދަ 11 އެކްސިޑެންޓެއް މިދިޔަ ހަފްތާގައި ހިނގާފައިވެ އެވެ.

މިދިޔަ ހަފްތާގައި ދެން އެންމެ ގިނައިން ހިނގާފައިވަނީ ސައިކަލާއި ސައިކަލު ޖެހިގެން ހިނގި އެކްސިޑެންޓުތަކެވެ. އެފަދަ 9 އެކްސިޑެންޓެއް ރިޕޯޓުކޮށްފައިވެ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓުތައް އެންމެ ގިނައިން ހިނގީ ދުވާލުގެ ވަގުތުތަކުގައި ކަމަށެވެ. ދުވާލު ވަގުތު 33 އެކްސިޑެންޓު ހިނގާފައި ވާއިރު ރޭގަނޑު ހިނގި އެކްސިޑެންޓުގެ ގޮތުގައި ރިޕޯޓުކުރީ 12 އެކްސިޑެންޓެވެ.

އެ އެކްސިޑެންޓުތަކުގައި ތިން މީހަކަށް އަނިޔާ ވެފައިވެ އެވެ. އަދި އެކްސިޑެންޓުތަކުގައި 37 ވެހިކަލަކަށް އެކި ކަހަލަ ގެއްލުންތައް ވެސް ވެފައިވެ އެވެ.