އެމްޑީޕީގެ އެންމެ ބޮޑު ނާކާމިޔާބީ އަކީ އެޕާޓީގެ ސިޔާސަތުތަކެއް ނޫނެވެ. އެކަމަކު އެއީ އެ ޕާޓީގެ އެތެރޭގައި އުފެދުނު ބައިބައިވުމެވެ.
ގާތްގަނޑަކަށް ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި، އެމްޑީޕީ އަކީ ސިޔާސީ އިސްލާހީ މަސައްކަތާއި، ޑިމޮކްރަސީ ހޯދުމަށް ކުރެވުނު މަސައްކަތްތަކާއި، ރާއްޖޭގެ ކުރިމަގުގެ ރަމްޒެއްގެ ގޮތުގައި ފާހަގަކުރެވުނު ޕާޓީއެކެވެ. ޒުލްމީ ވެރިކަމަކާ ދެކޮޅަށް ފެށުނު ހަރަކާތަކުން އުފެދިގެން އައި އެމްޑީޕީން، ޒަމާނެއްގައި ހާމަކަމާއި، ޖަވާބުދާރީވުމާއި، ބަދަލަށް ބޭނުންވެފައިވާ ގައުމެއްގެ އުންމީދުތަކުގައި ހިފެހެއްޓިއެވެ.
ނަމަވެސް މިއަދު މިޕާޓީ އޮތީ ބަލިކަށިވެ، ބައިބައިވެ، ކުރިން އާރާސްތުކުރި އިތުބާރު އަލުން ހޯދަން މަސައްކަތްކުރަންޖެހޭ ހާލަތެއްގައެވެ. މީގެ ސަބަބަކީ ދިވެހިންނަށް ސިއްރުކަމެއް ނޫނެވެ. އެމްޑީޕީގެ ވެއްޓުން އައިސްފައި ވަނީ އެ ޕާޓީގެ އިދިކޮޅު ފަރާތްތަކުންނެއް ނޫނެވެ. އެކަމަކު އެއީ އެ ޕާޓީ ތެރެއިން އައި ކަމެކެވެ.
އެމްޑީޕީ އަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ، އުފެދުނީއްސުރެން އެޕާޓީގެ އެތެރޭގައި ދެމިހުރި މަވަތިކަމާއި ބައިބައިވުމެވެ. އަދި މި ބައިބައިވުން ޕާޓީ އުފެދުނީއްސުރެން އަހަރަކަށް ފަހު އަހަރަކަށް ދިޔައީ ފުންވެ، ބޮޑުވަމުންނެވެ. ސިޔާސަތުތަކާއި ކެމްޕޭނުގެ ވައުދުތަކާ ގުޅިގެން އުފެދޭ ހިޔާލުތަފާތުވުންތަކަށް ވުރެ ބޮޑަށް، މި ފަދަ ބައިބައިވުން އިތުރުވެ، ޕާޓީގެ އެކުވެރިކަން ވަރަށް ބޮޑަށް ބަލިކަށިކޮށްލި އެވެ.
މިކަމާ ގުޅިގެން، ދިވެހިރާއްޖެ ބިނާކުރުމުގެ ހުވަފެން ހަޤީޤަތަކަށް ހެދުމަށްޓަކައި އެއްބައިވަންތަކަމާ އެކު މަސައްކަތް ކުރެއްވި އެމްޑީޕީގެ އިސް ލީޑަރުން، އެބޭފުޅުންގެ ހުރިހާ ވަގުތަކާއި ހަކަތައެއް ހޭދަކުރެއްވީ ޕާޓީގެ އެތެރޭގެ ބާރާއި، ވެރިކަމާއި، ނުފޫޒު ހޯއްދެވުމުގެ ވާދަވެރިކަމަށެވެ. ނަތީޖާއެއްގެ ގޮތުން، އަނިޔާވެރި ވެރިކަންތަކާ ދެކޮޅަށް ކުރިން މަސައްކަތްކުރި ޕާޓީގެ އެތެރޭގައި ޚިލާފު އުފެދި، އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް މަސައްކަތްކުރާ ޕާޓީއަކަށް ބަދަލުވެގެން ދިޔައެވެ. އަދި މިފަދަ ބައިބައި ވުންތަކުގެ ސަބަބުން ޕާޓީގެ އިސްލީޑަރުން ޕާޓީ ދޫކުރައްވައި ފެއަށް ޖެހިވަޑައި ގެންނެވިއެވެ. އެއީ ޕާޓީގެ ފައުންޑަރ ގޯގޯ ލަތީފް، ޑރ. މުނައްވަރު، އިބްރާހިމް އިސްމާޢީލް، ޖެނިފާ ލަތީފް، އިބްރާހިމް ހުސައިން ޒަކީ ފަދަ ބޭފުޅުންނެވެ.
އެމްޑީޕީގެ ބާރުގެ އެންމެ އުސް ހަރުފަތުގައި އޮތް ދުވަސްވަރު، ރައްޔިތުންގެ އުންމީދުތައް ހުރީ އުފުލިފައެވެ. ނަމަވެސް، އެމްޑީޕީ ވެރިކަމަށް ވަޑައިގަތް ކޮންމެފަހަރަކު، ޕާޓީގެ މުހިންމު ލީޑަރުންގެ މެދުގައި ހިޔާލުތަފާތުވުންތައް ފެންމަތިވިއެވެ. ކެބިނެޓް މިނިސްޓަރުން އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ދެކޮޅަށް ވާހަކަ ދެއްކި އެވެ. ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ތަފާތު އެކި ދިމާތަކަށް ދަތުރުކުރި އެވެ. އަދި ޕާޓީގެ އެކި ކަންކޮޅުތަކުގައި ސިއްރިޔާތުގައި ވަކި ފެކްޝަންތައް އުފެދުނެވެ. ރައްޔިތުން އެކަން ބަލަންތިބީ ހައިރާންކަމާއި ނާއުންމީދުގައެވެ. ސަރުކާރު ހިންގުން ރަނގަޅުކުރުމަށްޓަކައި ކުރަން ޖެހޭ ސިޔާސީ ހަނގުރާމަތައް ކުރެވުނީ ޝަހުސީ ފަރާތްތަކާ ގުޅޭ މައްސަލަތަކުގައެވެ.
ޕާޓީގެ އެތެރޭގައި އުފެދުނު ބައިބައިވުންތަކުގެ ސަބަބުން، ކޯލިޝަންތައް ދެމެހެއްޓުމަށް އެޕާޓީއަށް ހުރި ގާބިލުކަން ވަރަށް ބޮޑަށް ބަލިކަށިވެގެން ދިޔައެވެ. މިއީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި ފާހަގަކޮށްލެވޭ މުހިންމު ކަމެކެވެ. ކޯލިޝަންގެ ބަ ކުރެވޭ ތަނެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، ސިޔާސީ ގުޅުންތައް ހީނަރުވެގެން ދިޔައިރު، ވެރިކަމުގެ އޮނިގަނޑުގައި ހަމަނުޖެހުން އުފެދި، ޕާޓީއަށް ނުރައްކަލާ ކުރިމަތިވިއެވެ. އެހެނީ، އަމިއްލަ މެންބަރުން އެކަތިގަނޑެއްގެ ގޮތުގައި ބޭތިއްބުމަށް ނުކުޅެދޭ ސިޔާސީ ޕާޓީއަކަށް، އެހެން ޕާޓީތަކާ އެކު ގުޅުން ހިފެހެއްޓުމަކީ އަދި މާ ބޮޑު ދަތިކަމަކަށް ވާނެ އެވެ.
ނަމަވެސް، އެމްޑީޕީގެ އެތެރޭގެ ހަމަނުޖެހުންތަކުގެ ސަބަބުން ޕާޓީއަށް ލިބުނު އެންމެބޮޑު ގެއްލުމަކީ، އެ ޕާޓީއަށް ރައްޔިތުންގެ އިތުބާރު ގެއްލިގެން ދިއުމެވެ. ކުރިން ރައްޔިތުންގެ ހައްގުތަކަށާއި ޑިމޮކްރެޓިކް ހަމަތަކަށް އުއްމީދާއެކު ވަކާލާތުކުރި ޕާޓީ އަކީ، މިހާރު އާންމު ދިވެހިންގެ ދިރިއުޅުމާ މުޅިން ދުރުވެފައިވާ ޕާޓީއެއް ކަމަށް ގިނަ ބަޔަކަށް ހީވާންފެށިއެވެ. ދިރިއުޅުމުގެ ހަރަދުތައް އިތުރުވުމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި، ޒުވާނުންނަށް ލިބޭ ފުރުސަތުތަކާއި، ރަށްރަށުގެ ތަރައްގީފަދަ މުހިންމު ކަންކަމުގައި ޕާޓީއިން ކުރަމުންދިޔަ ވަކާލާތުތަކުގެ އަޑަށްވުރެ، ލީޑަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގެ އަޑު މާބޮޑަށް ގަދަވެގެން ދިޔައެވެ.
ކޮންމެ ސިޔާސީ ޕާޓީއަކަށްވެސް އެތެރޭގެ ހިޔާލުތަފާތުވުންތަކާ ކުރިމަތިލާން ޖެހެ އެވެ.
ނަމަވެސް، ކާމިޔާބު ޕާޓީތަކުން އެ ތަފާތުތައް ފަރުވާތެރިކަމާއެކު މޮނިޓަރކޮށް، އެފަދަ ކަންކަމުގެ ސަބަބުން ޕާޓީގެ އިތުބާރު ގެއްލިގެން ނުދިޔުމަށް ހުށިޔާރުކަމާއެކު މަސައްކަތްކުރެއެވެ. އެމްޑީޕީ ވަނީ މިކަމުގައި ނާކާމިޔާބުވެފައެވެ. ގައުމީ މައްސަލަތަކަށްވުރެ ބޮޑު އިސްކަމެއް ޒާތީ ވާދަވެރިކަމަށް ދީ، ގުޅިގެން މަސައްކަތް ކުރުމަށްވުރެ އަމިއްލަ އެދުމަށް އެމީހުން ވަނީ އިސްކަންދީފައެވެެ. ނަތީޖާއެއްގެ ގޮތުން، ޕާޓީގެ އެންމެ ބޮޑު ސިޔާސީ ބާރުކަމުގައިވާ އެތެރޭގެ އެއްބައިވަންތަކަން ރޫޅިގެންދިޔުމަށް މަގުފަހިކުރެވުނެވެ.
މި ހުރިހާ ކަމަކާއެކު ވެސް އެމްޑީޕީގެ ދައުރު ނިމުމަކަށް އައިސްފައިނުވާކަން ހަނދާންކުރުން މުހިންމެވެ. ސިޔާސީ ޕާޓީތައް މީގެ ކުރިން ވެސް ނިކަމެތިވެފައިވެއެވެ. ނަމަވެސް، އަމިއްލަ މައްސަލަތައް މުރާޖާކޮށް، އިސްލާހުވެ އަލުން ކުރިއަރާފައިވެ އެވެ. އެމްޑީޕީ އަށް އަލުން ކުރިއެރުމުގެ މަގު ފެށޭނީ، ޕާޓީގެ ލީޑަޝިޕުން އެ ޕާޓީގެ އެންމެ ބޮޑު ބަލިކަށިކަން ގަބޫލުކުރުމުންނެވެ. އެއީ ޕާޓީގެ ސިފައަށާއި ރައްޔިތުންނާ އޮތް ގުޅުމަށް ގެއްލުން ދިން އެތެރޭގެ ބައިބައިވުންތަކެވެ.
ރާއްޖެ އަށް އަދިވެސް ގަދަފަދަ ޑިމޮކްރެޓިކް އަޑެއް ބޭނުންވެއެވެ. ނަމަވެސް ލީޑަޝިޕް އަލުން ހޯދުމަށްޓަކައި، އެމްޑީޕީގެ އިސް ބޭފުޅުން ފުރަތަމަ އަމިއްލަ ނަފްސް އިސްލާޙު ކުރަން ދަސްކުރަން ޖެހޭނެ އެވެ.