ރެގޭ މިއުޒިކުން މުޅި ދުނިޔޭގައި ވެސް ބޮޑު މަޝްހޫރު ކަމެއް ހޯދި ފަންނާނު ޖިމީ ކްލިފް މިއަދު މަރުވެއްޖެ އެވެ.
ޖެމައިކާ އަށް އުމުރުން 81 އަހަރު ލެޖެންޑް މަރުވި ވާހަކަ ކްލިފްގެ އާއިލާގެ ފަރާތުން އަންހެނުން ލަތީފާ ޗެމްބާސް އާއި ދެ ކުދިންގެ ފަރާތުން ސޯޝަލް މީޑިއާގައި ހިއްސާކޮށް ބުނީ ކްލިފް މަރުވީ ނިއުމޯނިއާ ޖެހި ފަރުވާ ހޯދަމުން ދަނިކޮށް ކަމަށާއި މިއަދަކީ އާއިލާ އަށް ވެސް ވަރަށް ހިތާމަވެރި ދުވަހެއް ކަމަށެވެ.
އެ ޕޯސްޓްގައި ވަނީ ފޭނުން މިހާތަނަށް ކްލިފަށް ދިން ލޯތްބާއި ސަޕޯޓަށް ޝުކުރު ވެސް އަދާކޮށް، އެކަން އަބަދު ވެސް ވަޒަން ކުރާނެ ކަމަށް ވެސް ބުނެފަ އެވެ.
ކްލިފްގެ ދިގު މިއުޒިކީ ކެރިއަރުގައި ގެނެސްދިން މަޝްހޫރު ބައެއް ލަވަތަކުގެ ތެރޭގައި "ވޮންޑަފުލް ވޯލްޑް، "ބިއުޓިފުލް ޕީޕަލް"، "ޔޫ ކޭން ގެޓް އިޓް އިފް ޔޫ ރިއަލީ ވޯންޓް އިޓް"، "މެނީ ރިވާސް ޓު ކްރޮސް"، "ރެގޭ ނައިޓް" އަދި "ހަކުނަ މަޓާޓާ" ފަދަ ލަވަތައް ހިމެނެ އެވެ.
ކްލިފް 31 އަލްބަމެއް ނެރެފައިވާ އިރު، އެންމެ ފަހުގެ އަލްބަމަކީ 2022 ގެ "ރެފިއުޖީސް" އެވެ.
ބައެއް ފިލްމުތަކުގައި އޭނަ އެކްޓް ވެސް ކޮށްފައިވެ އެވެ. އެގޮތުން 1972 ގެ ކްރައިމް ޑްރާމާ "ދަ ހާޑާ ދޭ ކޭމް" އަކީ އޭނަ ލީޑް ރޯލު ކުޅުނު ފިލްމެކެވެ. ކްލިފްގެ އިތުރު ފިލްމުތަކުގެ ތެރޭގައި 1986 ގެ "ކްލަބް ޕެރަޑައިސް" އާއި 2003 ގެ "ރޫޑް ބޯއި: ދަ ޖެމައިކަން ޑޮން" ފާހަގަކޮށްލެވެ އެވެ.