Last Updated: June 5, 22:30
Friday, June 5, 2026
ރިޕޯޓް

ހަގީގީ ރަހުމަތްތެރިންނަކީ ކޮބާ؟

ހަރުބަހެއްގައި ވާ ގޮތުގައި ރަޙްމަތްތެރީން އެނގޭނީ މުޞީބާތުގެ ވަގުތުގަ އެވެ. މީހަކާ މުޞީބާތެއް ނުވަތަ ކާރިޘާއެއް ނުވަތަ ދަތިކަމެއް ކުރިމަތިވުމުން، އޭނާގެ ގާތުގައި އެކުވެރީންކަމުގައި ހެދިގެން އުޅުނު ގިނަ ބަޔަކު، އޭނާ ދޫކޮށް ދުރަށް ދާތަން ފެނެ އެވެ. މާތް ﷲ ގެ ނަބިއްޔާ، ސަލާމް ލެއްވި އައްޔޫބުގެފާނު އާލާސްކަންފުޅެއް ކުރިމަތިވެ، އެކަލޭގެފާނުގެ ބޭފުޅުން އަވަހާރަވެ، މުއްސަދިކަމާއި، ތަނަވެސްކަން ގެއްލި ދިޔަ ވަގުތު، އެކަލޭގެފާނަށް ޒިޔާރަތް ކުރަމުން ދިޔަ މީހުންނާއި، އެކަލޭގެފާނުގެ މަޖިލީހަށް ޙާޒިރުވަމުން ދިޔަ މީހުންގެ ތެރެއިން ގިނަ ބަޔަކު، އެކަލޭގެފާނު ދޫކޮށް ދުރަށް ދިޔައެވެ.

އެކަލޭގެފާނުގެ އަރިހުގައި ތިބީ އިޚްލާސްތެރި މަދު ރަޙްމަތްތެރީން ކޮޅެކެވެ. އިބްނު ޙިއްބާން ރިވާކުރައްވާފައިވާ ގޮތުގައި، އައްޔޫބުގެފާނު މި އާލާސްކަންފުޅުގައި، އަށާރަ އަހަރު ހޭދަކުރެއްވި އެވެ. އެކަލޭގެފާނު ދޫކޮށްނުލައި އެކަލޭގެފާނުގެ އަރިހަށް ޒިޔާރަތް ކުރަމުން ދިޔައީ ހަމަ އެންމެ ދެ މީހެކެވެ.

ރަޙްމަތްތެރީންނަކީ ޖަމާއަތެއްގެ ކުރިއެރުމާއި ފަހަތަށް ޖެހުމުގައި ވަރަށްބޮޑު ދައުރެއް އަދާކުރާ ބަޔަކެވެ. ހިތްހަމަޖެހުމާއި ނުތަނަވަސްކަން ގެނެސް ދިނުމުގައި، މީހުންގެ ޙަޔާތާއި، ވިސްނުމާއި، ފިކުރަށް ވެސް، ރަޙްމަތްތެރީންގެ އަސަރު ވަރަށް ބޮޑަށް ކުރައެވެ.

ރަޙްމަތްތެރިކަމުގެ ގުޅުމަކީ ވަރަށް ވަރުގަދަ، ވަރަށް ނުފޫޒުގަދަ ގުޅުމެކެވެ. އެހެންކަމުން ރަޙްމަތްތެރީން އިޚްތިޔާރު ކުރާއިރު، ޚުލްޤު ހެޔޮ ރަނގަޅު މީހުން ނޫނީ އިޚްތިޔާރުކޮށްގެން ނުވާނެ އެވެ. މިޒާޖުގައި ރަޙުމަތްތެރިންނާއި، އެކުވެރިން ކޮޕީކުރާ ގޮތް ހުރެ އެވެ. އެކަކުގެ ނުބައި އަޚްލާޤުން އަނެކާއަށް ނުބައި އަސަރު ފޯރުވައެވެ. އަހިވަކާއިޖެހި، އަހިވައް ފާވާ ގޮތަށެވެ. ހެޔޮ ކަންތައްތަކުގެ އަސަރަށްވުރެ ނުބައި ކަންތައްތަކުގެ އަސަރު ޢާއްމު ގޮތެއްގައި މާ ވަރުގަދަ އެވެ.

ވަރަށް ގިނަ ފަހަރަށް ސިނގިރެޓް ބުއިން ފަދަ ނުބައި ޢަމަލުތައް ދަސްވަނީ ތިމާގެ ރަޙްމަތްތެރިޔާގެ ކިބައިންނެވެ. މަސްތުވާތަކެތީގެ ދަލުގައި ޖެހެނީ، ރަޙްމަތްތެރީންގެ ސަބަބުންނެވެ.

އިސްލާމްދީން މަނާކުރާ، ފާޙިޝް ޢަމަލުތަކުގެ އަވައިގާ ޖެހެނީ ރަޙްމަތްތެރީންގެ ސަބަބުންނެވެ

މަސްދަރު: އިލްމު.އެމްވީ