Last Updated: July 6, 21:02
Monday, July 6, 2026
ޚަބަރު

ސޯލިހާއި ފައްޔާޒާ ދެމެދު ބަހުގެ ހަމަލާތަކެއް

ފައްޔާޒާއި ރައީސް ސޯލިހު - ފޮޓޯ: ރައީސް އޮފީސް

ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ފެއްޓެވި ބަހުސްއާ އެކު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޗެއާޕާސަންކަމުން އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއިލާ ދެމެދު ބަހުގެ ހަމަލާތަކެއް ރައްދުކޮށްފި އެވެ.

އެމްޑީޕީ މެންބަރުން ތިބޭ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީއަށާއި ރާއްޖެއަށް ވެސް ރަނގަޅު ވާނީ ސޯލިހާއި އެމަނިކުފާނު ވެސް 2028ގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރުން ކަމަށް ތަކުރާރުކޮށް ވިދާޅުވާން ބޭނުންފުޅުވާ ކަމަށެވެ. އޭގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ ހުރިހާ ބޭފުޅުން އެއް ކެންޑިޑޭޓެއްގެ ފަހަތަށް އެރުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އަދި އެމްޑީޕީއަށް ރިޔާސީ އިންތިހާބު 2023 އާއި މަޖިލިސް އިންތިހާބު 2024 ގެއްލުނު ގޮތް ވެސް ނަޝީދު ވަނީ ސާފުކޮށްދެއްވާފަ އެވެ.

ނަޝީދުގެ މި ވާހަކަތަކާ ގުޅިގެން ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ސޯލިހު ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބާ ގުޅިގެން މިހާރު ދެކެވެނީ އޭގެ އެއް ބައި ކަމަށެވެ.

"އޭގެ ހުރިހާ ތަފްސީލުތަކެއް އަޅުގަނޑު ނުދައްކާ މި މަޑުކުރަނީ މަސްލަހަތަށްޓަކައި. މިއީ އެންމެން އެކުގައި ޕާޓީ އައިގެން ކުރިއަށް ދާންވީ ވަގުތު ކަމަށް އަޅުގަނޑު ދެކެން،" ސޯލިހު ވިދާޅުވި އެވެ.

ސޯލިހުގެ އެ މެސެޖަށް ރައްދުދެއްވައި ފައްޔާޒު ފޮނުއްވި މެސެޖުގައި ވިދާޅުވީ އެއީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ.

"އެހެނީ ތިއީ އަޅުގަނޑާ މަޝްވަރާކުރެވުނު ވާހަކަތަކުގެ މައްޗަށް ވިދާޅުވި ވާހަކައެއް ނަމަ. ކޮންމެވެސް ވަރަަކަށް ސިޔާސީ ކަންކަމުގައި ވެސް، 'އޮނާ އަމަންގްސް ތީވްސް'އޭ ބުނާ ގޮތަށް ކަންކަން ގެންގުޅުއްވުން ރަނގަޅު. ތި އިޝާރާތްކުރެއްވީ އެހެން ބައެއް މެދުވެރިވެ ދެކެވުނު ވާހަކަތަކެއް ނަމަ ވެދާނެ،" ފައްޔާޒުގެ މެސެޖުގައިވެ އެވެ.

ފައްޔާޒު ވަނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ރަސްމީކޮށް އިއުލާންކުރައްވާފަ އެވެ.