Last Updated: July 6, 21:02
Monday, July 6, 2026
ޚަބަރު

ފުވައްމުލަކުގެ ތަރައްގީ އަށް ސަމާލުކަން ދޭން ޖެހޭ

ފުވައްމުލަކު ސިޓީގެ ތަރައްގީއަށް ސަރުކާރުން ސަމާލުކަން ދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުންނާއެކު ފައިސަލް ފުވައްމުލަކަށް މިހާރު ގެންދަވަނީ ދަތުރުފުޅެއް ކުރައްވަމުންނެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ މި ސަރުކާރަށް ދެ އަހަރު ވީއިރު، ފުވައްމުލަކުގެ ތަރައްޤީއަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތުމާއި، ކުރީ ސަރުކާރުގައި ފަށައި ހިނގަމުންދާ މަޝްރޫޢުތަކުގެ ތެރެއިން ބައެއް މަޝްރޫޢުތައް މަޑުޖެހި އަދި ބައެއް މަޝްރޫޢުތައް ހުއްޓިފައި ވުމަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށެވެ.

"ވީމާ، ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކުރުމާއި، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމާއި، ފުވައްމުލައް ސިޓީގެ ތަރައްޤީއަށް ސަމާލުކަން ދެއްވުމަށް، ސަރުކާރަށް އިލްތިމާސްކުރަން،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ފުވައްމުލައް ސިޓީއަށް ގިނަ ކުރިއެރުންތަކެއް ހޯދައި ދެވިފައި ވުމަކީ، އެކަމުގެ ސަބަބުން ހިތްހަމަޖެހުމާއި އުފާ ލިބޭ ކަމެއް ކަމަށެވެ. އެގޮތުން ފުވައްމުލައް ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި ރަށުގެ އިރުމަތީ ފަރާތުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުން ފަދަ ކަންކަމުން ރަށު ރައްޔިތުންގެ ދިރިއުޅުމަށް ގިނަ ލުއި ފަސޭހަތަކެއް ލިބިފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ.

މީގެއިތުރުން ހުރިހާ ސްކޫލުތަކެއްގައި އިތުރު ކްލާސްރޫމްތަކާއި މަލްޓިޕާޕަސް ހޯލުތައް ޤާއިމުކުރެވިފައިވުމުން، ދަރިވަރުންގެ ކިޔެވުމާއި އެކުދިންނަށް އުނގަންނައިދިނުމުގެ މަސައްކަތްތަކުން ހެޔޮބަދަލުތައް ފެންނަމުންދާ ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި ހޮސްޕިޓަލްގެ އިމާރާތް ބޮޑުކުރެވި، ލެބޯޓަރީގެ ޚިދުމަތް ފުޅާކުރެވި، ޑައިލިސިސް ޚިދުމަތާއި ޑެންޓަލް ޚިދުމަތްތަކާއި ސީޓީ ސްކޭންގެ ޚިދުމަތް ދޭން ފެށުމުގެ ސަބަބުން، ޞިއްޙީ ޚިދުމަތުގައި މީގެ ކުރިން ރައްޔިތުން އުފުލަންޖެހުނު އެތައް ތަކުލީފަކަށް ލުއި ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.