އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެވަޓަން އަތުން 1-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެ އެވެ.
މި މެޗުން ބަލިވުމުން ޔުނައިޓެޑް އޮތީ 12 މެޗުން ލިބުނު 18 ޕޮއިންޓާ އެކު ލީގުގެ 10 ވަނައިގަ އެވެ. ލީގުގެ 11 ވަނައިގައި އޮތް އެވަޓަނަށް ވެސް 18 ޕޮއިންޓު ލިބިފައިވާއިރު ޔުނައިޓެޑަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މެޗުގެ 13 ވަނަ މިނެޓްގައި އެވަޓަންގެ މިޑްފީލްޑަރު އިދްރިސާ ގާނާ ގުއޭއަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗުގެ ބޮޑުބައި ފުރިހަމަ ކުރީ 10 ކުޅުންތެރިންނާއެކު އެވެ. ގުއޭއަށް ރަތްކާޑު ދެއްކީ އަމިއްލަ ޓީމުގެ ޑިފެންޑަރު މައިކަލް ކީންގެ ކަންފަތް މަތީގައި ޖެހުމުންނެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު އެވަޓަން އަށް މެޗުގެ 29 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކިއެނަން ޑިއުސްބަރީ-ހޯލް އެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅުނު ނަމަވެސް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އެވަޓަންގެ ޑިފެންސްލައިން ފޫއަޅުވާލެވޭ ގޮތް ޔުނައިޓެޑަށް ވަނީ ނުވެފަ އެވެ.
ޔުނައިޓެޑުން ލީގުގައި އެންމެފަހުން ކުޅުނު ތިން މެޗުން ވެސް މޮޅުވެފައެއް ނުވެ އެވެ. އޭގެތެރެއިން ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.