Last Updated: July 6, 21:47
Monday, July 6, 2026
ޚަބަރު

ޗެއާޕާސަން އިންތިހާބަށް ތާރީހެއް ކަނޑައަޅަނީ

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގެ ޒިންމާ އަދާކުރާނެ މީހަކާއި އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައަޅާނީ ގައުމީ މަޖިލީހުން ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ހުސްވީ ފައްޔާޒު އިސްމާއީލް އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ޗެއާޕާސަންގެ މަގާމަށް މީހަކު އިންތިހާބުކުރުމާމެދު އަދި އެ މަގާމަށް މީހަކު އިންތިހާބު ކުރެވެންދެން، މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރާނެ ފަރާތެއް ކަނޑައެޅުމާމެދު، ލީޑަޝިޕްގެ ބައްދަލުވުމެއް އިއްޔެ މެންދުރު ޕާޓީގެ ސެކްރެޓޭރިއަޓްގައި ބޭއްވި ކަމަށާއި އެ ބައްދަލުވުމުގައި ލަފާދީފައިވަނީ، ލީޑަޝިޕުން ވަކި ގޮތްތަކެއް ނިންމުމުގެ ބަދަލުގައި، އެ ދެ މައްސަލައާމެދު ޤައުމީ ހިންގާ ކޮމިޓީގައި މަޝްވަރާ ކުރުމަށްފަހު، އެ ކޮމިޓީން ނިންމާ ގޮތެއް ގައުމީ މަޖިލީހަށް ހުށަހެޅުމަށް ކަމަށެވެ.

އެ ގޮތުގެ މަތިން، އެ ދެ މައްސަލައާމެދު ގޮތެއް ނިންމުމަށް ޤައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމެއް އިއްޔެ މެންދުރުފަހު ޕާޓީގެ ސެކްރެޓޭރިއަޓްގައި ބޭއްވި ކަމަށާއި މި ބައްދަލުވުމުގައި، ޤައުމީ ހިންގާ ކޮމިޓީން ނިންމައިފައިވަނީ، ޗެއާޕާސަންގެ މަގާމަށް މީހަކު އިންތިހާބު ކުރެވެންދެން އެ މަގާމުގެ މަސްއޫލިއްޔަތުތައް، ޤައުމީ މަޖިލީހުން ކަނޑައަޅާ ފަރާތަކާ ވަގުތީގޮތުން ހަވާލު ކުރުމަށާއި އަދި، ޗެއާޕާސަންގެ އިންތިހާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުމަށް، ވަރަށް އަވަހަށް ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިދިނުމަށް ހުށަހެޅުމަށް ކަމަށް އެމްޑީޕީން ބުންޏެވެ.

އަދި މި ކަންކަމުގައި، ޕާޓީން ކުރިއަށްދާނީ، ހުޅުވައިލެވިފައިވާ މާހައުލެއްގައި އަދި ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު ޤައުމީ މަޖިލީހުން ނިންމާގޮތެއްގެ މަތިން ކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެ އެވެ.