Last Updated: June 5, 20:43
Friday, June 5, 2026
ޚަބަރު

ނަޒާހަތުގެ މަރާ ގުޅިގެން ރައީސްގެ ތައުޒިޔާ

ސިޒޭރިއަނަށް ފަހު ހާލު ދެރަވެ، ފިޓް ޖެހިގެން އައްޑޫގައި ޒުވާން އަންހެނަކު އިއްޔެ ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އާއިލާ އަށް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

އިއްޔެގެ ފަތިހުގެ ވަގުތެއްގައި ނިޔާވީ ހިތަދޫ، ތަމަންނާގޭ އާއިޝަތު ނަޒާހަތު އަހްމަދުދީދީ، 28، އެވެ. އޭނަ އަކީ އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޔުނިޓުގެ އެސޯސިއޭޓް ކައުންސިލް އޮފިސަރުގެ މަގާމު އަދާކުރަމުން އައި މުވައްޒަފެކެވެ.

ނަޒާހަތު ނިޔާވީ އަލަތު ދަރިފުޅަށް އައްޑޫގެ ޕްރައިވެޓް ހޮސްޕިޓަލް، އައިއެމްޑީސީގައި ސިޒޭރިއަން ހެދި ފަހުން ކުއްލިއަކަށް ހާލި ދެރަވެ، ފިޓް ޖެހިގެންނެވެ. އޭނަގެ ހާލު ދެރަވުމާ ގުޅިގެން އިމަޖެންސީކޮށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް އޭއީއެޗް) އަށް ނަޒާހަތު ގެންދިޔަ އެވެ.

އެތަނަށް ގެންދިޔަ އިރު ނަޒާހަތު ނިޔާވެފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެ އެވެ. ނަޒާހަތުގެ ދަރިފުޅަށް އޭއީއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ނަޒާހަތު ނިޔާވުމާ ގުޅިގެން ރައީސް މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ޒުވާން އަންހެން ބޭކަނބަލަކު ނިޔާވުމަކީ، ފުން ހިތާމަ އާއި ނުތަނަވަސް އިޙްސާސްތަކެއް ކުރުވި ކަމެއް ކަމަށެވެ.

"ނަޒާހަތު އަޙްމަދަށް، ޝަހީދެއްގެ ދަރަޖަ މާތްﷲގެ ޙަޟްރަތުގައި ދެއްވާ، ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙްމަތުގައި ލެއްވުން އެދި ދުޢާކުރަން،" ރައީސް ވިދާޅުވި އެވެ. "އުފަންވި ތުއްތު ދަރިފުޅަށް އަވަސް ޝިފާއެއް ދެއްވާށި. އަދި މަރްޙޫމާގެ ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި."