އަޖޭ ދޭވްގަނަކީ މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް އެކްޓަރެވެ. އަދި އޭނަ އަބަދު ވެސް ފާހަގަކޮށްލެވެނީ ކޮންމެ ކަހަލަ ރޯލެއް ވެސް ފެންފޮދެއް ބޯލައިހާ ފަސޭހައިން ކުޅެލާ ވަރަށް މޮޅު، ހުނަވެރި އެކްޓަރެއްގެ ގޮތުގަ އެވެ. މިހާތަނަށް 100 އަށް ވުރެ ގިނަ ފިލްމު ކުޅެފައިވާ އަޖޭގެ ފިލްމޯގްރަފީ އަށް ބަލައިފި ނަމަ ތަފާތު ޖޯންރާއެއްގެ ފިލްމުތަކެއް އޭނަ ކުޅެފައިވާކަން ފާހަގަކޮށްލެވޭނެ އެވެ.
އޭގެ ތެރޭގައި އެކްޝަން ފިލްމުތަކާއި ލޯބީގެ ފިލްމުތަކާއި ކޮމެޑީ ފިލްމުތަކާއި ބިރުވެރި ފިލްމާއި ތާރީހީ ފިލްމުތައް ވެސް ހިމެނެ އެވެ.
އަޖޭގެ ފުރަތަމަ ފިލްމަކީ ރިލީޒްކުރިތާ މި މަހުގެ 22 އަށް 34 އަހަރު ފުރުނު 1991 ގެ "ޕޫލް އޯރް ކާންޓޭ" އެވެ. އެ ފިލްމުން އޭނަ އަށް 37 ވަނަ ފިލްމުފެއާ އެވޯޑްސްގައި އެންމެ މޮޅު އާ އެކްޓަރުގެ އެވޯޑް ވެސް ލިބުނެވެ. "ޕޫލް އޯރް ކާންޓޭ" އާ އެކްޓަރެއްގެ ގޮތުގައި އަޖޭ ފެށި ދަތުރު މިހާތަނަށް ވަރަށް ވެސް ކާމިޔާބެވެ.
އިންޑިއާގެ ކުޅަދާނަ އެތައް ޑައިރެކްޓަރުންތަކަކާ އެކު އޭނަ މަސައްކަތްކޮށްފައިވެ އެވެ. އަޖޭ އަށް މިހާތަނަށް ހަތަރު ނެޝަނަލް އެވޯޑް ވެސް ލިބިފައިވެ އެވެ.
މަޝްހޫރު ބަތަލާ ކާޖޮލްއާ ކައިވެނިކޮށް ދެ ކުދިން ވެސް ލިބިފައިވާ މިހާރު އުމުރުން 56 އަހަރުގެ އަޖޭ އަކީ މިހާރު ހަމައެކަނި އެކްޓަރެއް ނޫނެވެ. އޭނަ އަކީ 'އޭޑީ ފިލްމްސް' ގެ ނަމުގައި އަމިއްލަ ޕްރޮަކްޝަން ހައުސްއެއް ހިންގައި، ފިލްމު ޕްރޮޑިއުސް ވެސް ކުރަމުން އަންނަ މީހެކެވެ. އަދި އަޖޭ އަކީ ޑައިރެކްޓަރެއް ވެސް މެ އެވެ. އޭނަ މިހާތަނަށް ހަތަރު ފިލްމެއް ޑައިރެކްޓްކޮށްފައިވެ އެވެ. އެއީ އަމިއްލަ އަށް ބަތަލުގެ ވެސް ރޯލު ކުޅުނު 2023 ގެ "ބޯލާ" އާއި 2022 ގެ "ރަންވޭ 34" އާއި 2016 ގެ "ޝިވާއޭ" ގެ އިތުރުން 2008 ގެ "ޔޫ، މީ އޯރް ހަމް" އެވެ.
އަޖޭ އަކީ ސިނަމާތައް ވެސް ހިންގަމުން އަންނަ މީހެކެވެ. މިހާތަނަށް އިންޑިއާގެ އެކި ހިސާބުތަކުގައި ހިތްގައިމު ސިނަމާތަކެއް ވެސް އަޖޭ ހުޅުވާފައިވާ އިރު، އެކަމަށް ހާއްސަ އޭނަގެ ކުންފުންޏަކީ 'ދޭވްގަން ސިނެކްސް' އެވެ. ކުރިން މި ވިޔަފާރި އަށް ދީފައި އޮތް ނަމަކީ 'އެންވައި ސިނަމާސް' އެވެ. އެން އަން އަކީ އަޖޭގެ އަންހެން ދަރިފުޅު ނީސާ ދޭވްގަން، 23، ގެ ނަމުގެ ފެށޭ އަކުރެވެ. ވައި އަކީ ފިރިހެން ދަރިފުޅު، ޔުގް ދޭވްގަން، 14، ނަމުގެ ފެށޭ އަކުރެވެ.
'ދޭވްގަން ސިނެކްސް' އަށް 'އެންވައި ސިނަމާސް' ރީބްރޭންޑްކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ.
އަޖޭ އަކީ އަމިއްލަ ވީއެފްސް ސްޓޫޑިއޯއެއް ވެސް ހިންގަމުން އަންނަ މީހެކެވެ.
އޭނަގެ ކެރިއަރަށް މި އަހަރު 34 އަހަރު ފުރިގެން ދިޔަ އިރު، އަޖޭ އަކީ މިހާރު ވެސް ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެއް އެކްޓަރެވެ. އެވްރެޖްކޮށް އޭނަގެ ތިން ހަތަރު ފިލްމު ބެލުންތެރިންނާ ހަމައަށް އާދެ އެވެ. މި އަހަރު ވެސް އަޖޭގެ ހަތަރު ފިލްމެއް ރިލީޒްވެފައިވެ އެވެ. އެއީ މިދިޔަ މަހު ރިލީކުރި "ދޭ ދޭ ޕިޔާރު ދޭ 2" އާއި "ސަން އޮފް ސަރުދާރު 2" އާއި "ރެއިޑް 2" ގެ އިތުރުން "އާޒާދު" އެވެ.
އަޖޭގެ އަތުގައި ބޮލީވުޑްގެ ކާމިޔާބު ދެ ފްރެންޗައިޒެއް ވެސް އެބައޮތެވެ. އެއީ "ގޯލްމާލް" އާއި "ސިންގަމް" އެވެ. މިއީ ގާތް އެކުވެރިޔާ އަދި މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީ ގެނެސްދޭ ދެ ފްރެންޗައިޒެވެ.
އަންނަ އަހަރު ބެލުންތެރިންނާ ހަމައަށް އަންނާނެ އަޖޭގެ ފިލްމަކީ ފިތުރު އީދަށް ތާވަލުކޮށްފައި އޮތް "ދަމާލް 4" އެވެ.