Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އިންޓަޕޯލްގައި ގުޅުންތައް ބަދަހި ކުރަން ޖެހޭ: ސީޕީ

އިންޓަޕޯލްގެ މެންބަރު ގައުމުތަކުގެ މެދުގައި ގުޅުންތައް ބަދަހިކޮށް، މައުލޫމާތުތައް ވަގުތުން ހިއްސާ ކުރުމަށް ރާއްޖޭގެ ޕޮލިސް ކޮމިޝަނަރު އިސްމާޢީލް ނަވީން ގޮވާލައްވައިފި އެވެ.

އޭނަ އެކަމަށް ގޮވަލާލެއްވީ މޮރޮކޯގައި އިއްޔެ ފެށި އިންޓަޕޯލްގެ 39 ވަނަ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ މުވައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގަ އެވެ.

ނަވީން ވިދާޅުވީ މަސްތުވާތަކެތި އުފައްދައި އެކި ގައުމުތައް ހުރަސްކޮށް އެ ތަކެތީގެ ވިޔަފާރި ކުރުމާއި ގާނޫނާ ހިލާފަށް ކުރެވޭ ދުންފަތުގެ ވިޔަފާރިއަކީ ރާއްޖެއަށާއި ސަރަހައްދީ ގައުމުތަކަށާއި އަދި އެހެން ގައުމުތަކަށް ވެ އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. އެހެންވެ އެފަދަ ކުށްތަކާ ދެކޮޅަށް ގައުމުތަކުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި މެމްބަރު ގައުމުތަކުގެ މެދުގައި މައުލޫމާތުތައް ވަގުތުން ހިއްސާކުރުމާއި، ގުޅުން ބަދަހި ކުރެއްވުމަށް އެދިވަޑައިގެންނެވި އެވެ.

ހަމައެއާއެކު، ރާއްޖޭގައި ހިންގާ ކުށުގެ އަމަލުތަކަށް ފައިސާ ފޯރުކޮށްދީ، އެކަންކަން ރާވާ ހިންގާ ބޭރުގެ ގައުމުތަކުގައި ހަރަކާތްތެރިވާ ކުށުގެ އަމަލުތައް ހިންގާ ނެޓްވޯކްތައް ދެނެގަނެ، އެނެޓްވޯކްތަކުގެ ހަރަކާތްތައް ހުއްޓުވުމަށާއި ޓްރާންސް ނޭޝަނަލް ކުށްތައް އަދި ރޭވިގެން ހިންގާ ކުށްތައް ހިންގައި، ބޭރުގައި ހަރަކާތްތެރިވާ ފަރާތްތަކާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކާއި، އިންޓެލިޖެންސް މައުލޫމާތުތައް ވަގުތުން ހިއްސާ ކުރުމާއި މިފަދަ ކުށްތަކާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ. އަދި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތުގައި ގާނޫނު ތަންފީޒްކުރުމުގައި ހަރަކާތްތެރިވާ ބޭރުގެ ފަރާތްތަކާ އޮންނަ ގުޅުންތައް ބަދަހިކޮށް، ގުޅިގެން މަސައްކަތްކުރުމުގައި ދިވެހި ފުލުހުންގެ މުވައްސަސާ ދެމިއޮންނާނެކަން ވެސް ސީޕީ ފާހަގަކުރެއްވި އެވެ.

މި މަހުގެ 27 އަށް ކުރިއަށްދާ އިންޓަޕޯލް 93 އާންމު މަޖިލިހުގައި ދުނިޔޭގެ އެކި ގައުމުތަކުގެ ގާނޫނު ތަންފީޒުކުރާ މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.