Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ރޯދައިގެ ކުރިން އައްޑޫގެ ކަރަންޓް ލޯޑް 16-17 މެގަވޮޓަށް

ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ކަރަންޓް ކެޕޭސިޓީ 16 ނުވަތަ 17 މެގަވޮޓަށް އިތުރޔ ކުރެވޭނެ ކަމަށާއި އެކަމަށް ކުރަން ޖެހޭ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނަޖާހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އޭނަ މިއަދު ވިދާޅުވީ ވަރަށް ބޮޑު އިސްކަމެއް ދީގެން ކަރަންޓް މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އައްޑޫގެ ގުޅިފައިވާ އަވަށްތައް ކަމަށްވާ ހިތަދު އާއި މަރަދު އާއި މަރަދޫފޭދޫ އަދި ފޭދު އަށް ކަރަންޓް ދޭ މަރުކަޒީ އިންޖީނުގެ އަށް މި ސަރުކާރު އައި ފަހުން އެކި ފަހަރު މަތިން 8 ޖެން ސެޓް ފޮނުވާއިވާ ކަމަށް ނަޖާހު ވިދާޅުވި އެވެ.

އަދި މިހާތަނަށް މަރުކަޒީ އިޖްނީނު ގޭގައި ބުރި ޖަނެތެރޭޓްތަކުގެ މަރާމާތަށް އެކަނި ވެސް 17 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ނަޖާހު ވިދާޅުވީ މި ފަހުން ބެހެއްޓި އެއްވެސް ޖަނަރެރޭޓަރަށް މައްސަލަ ޖެހިގެން މިހާތަނަށް ކަރަންޓް ކެނޑިފައި ނުވާނެ ކަމަށެވެ. ނަމަވެސް އެހެން ބައެއް ކަހަލަ މައްސަލަތައް ދިމާވެގެން ކަރަންޓް ކެނޑިފައިވާ ކަމަށެވެ.

ނަޖާހު ވިދާޅުވީ އައްޑޫގެ ކަރަންޓް މައްސަލަ އަކީ ދިގު ތާރީހެއް އޮތް ކަމެއް ކަމަށާއި މިކަމުގެ އަަސްލަކީ މައްސަލަ ހައްލު ކުރަން މިހާތަނަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތުން ކަމަށެވެ.

ނަމަވެސް އައްޑޫގެ ކަރަންޓް މައްސަލަ ހައްލު ކުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މި ވަގުތަށް ބޭނުންވާ ވަރަށް ކަރަންޓް އުފެއްދުމަށްޓަކައި ރޯދައިގެ ކުރިން ކެޕޭސިޓީ 16 ނުވަތަ 17 އަށް އިތުރު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ. އޭނަ ވިދާޅުވީ މިހާރު އައްޑޫގެ ޕީކް ލޯޑަކީ 13 މެގަވޮޓް ކަމަށެވެ.