އަންނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ރަސްމީ ދަތުރެއްގައި ޗައިނާ އަށް ވަޑައިގަންނަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
އޭނަ މިކަން ހާމަކުރެއްވީ ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ފޯނުން ގުޅުއްވައި ދެކެވުނު ވާހަކަތަކަށް ފަހު އެވެ. އެގޮތުން އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް، 'ސޯޝަލް ޓުރުތުގައި ޓްރަމްޕް ވިދާޅުވީ އޭނަ އަންނަ އަހަރުގެ ކުރީގެ ވަޑައިގަންނަވާނެކަން ޝީ އަށް ދެންނެވުމުގެ އިތުރަށް އަންނަ އަހަރުގެ ފަހުކޮޅު އެމެރިކާ އަށް ޝީ ވަޑައިގަންނަވަން ވެސް ދައުވަތު ދެއްވި ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ ޝީއާ ފޯނުން ދެކެވުނު ވާހަކަތަކުގެ ތެރޭގައި ވަރަށް އުންމީދީ ވާހަކަތަކެއް ދެކެވުނު ކަމަށެވެ. އެގޮތުން ޔުކްރޭންހަނގުރާމަ އާއި ޓައިވާންއާ ގުޅުން ހުރި މައްސަލަތަކުގެ އިތުރުން ވިޔަފާރީގެ ގުޅުންތަކާ ބެހޭ ގޮތުން ދެ ލީޑަރުން ވާހަކަ ދެއްކެވި އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި އެމެރިކާ އާއި ޗައިނާއާ ދެމެދު މިހާރު ވަރަށް ބަދަހި ގުޅުމެއް އެބައޮތެވެ.
ޓްރަމްޕް އެގޮތަށް ވިދާޅުވި އިރު، މި އަހަރުގެ ޖެނުއަރީގައި އޭނަ ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކު، ޗައިނާ އިން އެމެރިކާ އަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް 100 ޕަސެންޓަށް ބޮޑުކުރި އެވެ. މިކަމާ ގުޅިގެން ދެ ގައުމުގެ މެދުގައި ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދުނެވެ.
ނަމަވެސް ފަހުން އެމެރިކާ އިން ވަނީ ޓެރިފް 50 ޕަސެންޓަށް ވުރެ މަތި ނުވާ ގޮތަށް ބަދަލުކޮށްފަ އެވެ.
ޓްރަމްޕާއި ޝީ އެންމެ ފަހުން ބައްދަލުވެވަޑައިގަތީ މީގެ މަހެއްހާ ދުވަސް ކުރިން ދެކުނު ކޮރެއާގައި އޮތް ބައްދަލުވުމެއްގަ އެވެ.