އައްޑޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން ހަ މެގަވޮޓްގެ ޖެން ސެޓްތަކެއް ގެންނަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ފެކަނައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާރިފް މިއަދު ވިދާޅުވީ އައްޑޫގެ ކަރަންޓަށް ދާއިމީ ހައްލެއް ގެންނަން ކުރާ މަސައްކަތްތަކަށް ބަހައްޓަން ކުރިން ޕްލޭންކުރީ 10 މެގަވޮޓްގެ ޖެން ސެޓް ކަމަށެވެ. ނަމަވެސް އެ ވިސްނުން މިހާރު ބަދަލުކޮށް ހަ މެގަވޮޓްގެ ފަސް ޖެން ސެޓް ބަހައްޓަން ޕްލޭންކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ އޭރުން ކަރަންޓް ކެޕޭސިޓީ 30 މެގަވޮޓަށް އަރާނެ ކަމަށެވެ.
އާރިފް ވިދާޅުވި ގޮތުގައި ހަ މެގަވޮޓް ޖެންސެޓްތައް ބަހައްޓަންކުރި ޕްލޭނާ އެކު މިހާރު އެ ޖެންް ސެޓްތައް އުފައްދަން ވެސް އެކަމާ ވާހަކަ ދެކެވުނު ކުންފުންޏާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އޭނަ ވިދާޅުވީ 10 މެގަވޮޓް ޖެން ސެޓް ހެދުމުގެ ހިޔާލު ދޫކޮށްލީ ކަރަންޓް ކެނޑިއްޖެ ހާލަތެއްގައި ބެކަޕެއްގެ އިންތިޒާމު ނުހުރެދާނެތީ އެވެ.
ފެނަކަ އިން ބުނެފައިވާ ގޮތުގައި އައްޑޫގެ ގުޅިފައިވާ އަވަށްތައް ކަމަށްވާ ހިތަދު އާއި މަރަދު އާއި މަރަދޫފޭދޫ އަދި ފޭދޫން ކަރަންޓް ކެނޑޭ މައްސަލަ އަށް ދާއިމީ ހައްލެއް ގެންނަން އަދި ދޮޅު އަހަރެއްހާ ދުވަސް ނަގާނެ ކަމަށެވެ. އެ ކުންފުނިން މިހާރު މި ގެންނަން އުޅޭ ވަގުތީ ހައްލުގެ ތެރެއިން ކުރިއަށް އޮތް ރޯދައިގެ ކަރަންޓް އުފެއްދޭ ކެޕޭސިޓީ 16-17 މެގަވޮޓަށް އިތުރު ކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ފެނަކަ އިން ބުންޏެވެ.
މިހާރު އައްޑޫގެ ޕީކް ލޯޑަކީ 13 މެގަވޮޓެވެ.