Last Updated: July 6, 21:47
Monday, July 6, 2026
ޚަބަރު

އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

އައިޝަތު އާޒިމާ ޝަކޫރު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރުގެ މައްޗަށް ކުރާ މުއައްސަސާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދައުވާ ކުރިއަށް ނުގެންދަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.

އާޒިމާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލާގައި އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ)އަށް އާޒިމާ ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނެ އެވެ.

މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާ ނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރުމުގައި ބޭންކުން ލިޔުމެއް ހޯދުމުގައި އާޒިމާ މަސައްކަތްކުރައްވައި، އެ ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތް ކުރެއްވިކަމަށް ތުހުމަތުވާތީ އެވެ.

ޕީޖީ އޮފީހުން މިއަދު މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އެ ދައުވާތައް މުރާޖައާކޮށްދިނުމަށް އާޒިމާގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ. އާޒިމާގެ ފަރާތުން ދައުވާ މުރާޖާއާކޮށްދިނުމަށް އެދި ހުށަހެޅި ކަންކަމަށް ބަލާއިރު އާޒިމާގެ މައްޗަށް ތުހުމަތުކުރާ ކުށުގެ އަމަލުގެ ސަބަބުން މަގުފަހިވި މަނީ ލޯންޑްރިން ކުށުގެ އަސްލުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ.

އެހެންވެ އާޒިމާގެ މައްޗަށް ކުރާ ދައުވާތައް އިތުރަށް ކުރިއަށްގެންދިއުމުގެ މަސްލަހަތު އޮތްކަމަށް ނުފެންނާތީ އެ ދައުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމީކަމަށް ޕީޖީ އޮފީހުން ބުންޏެވެ.