Last Updated: July 6, 21:47
Monday, July 6, 2026
ޚަބަރު

މީހެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނު ނަމަ މާފަށް އެދެން

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު

އެއްވެސް ފަރާތެއްގެ ޒާތީ މައުލޫމާތު ހާމަކުރުމަކީ މަގުސަދެއް ނޫން ކަމަށާއި މީހެއްގެ ޒާތީ މައުލޫމާތު ހާމަކުރެވިފައި ވާނަމަ އެކަމަށް މާފަށް އެދޭކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ހިޔާލުފާޅުކުރަން ދިން ފުރުސަތުގައި ފަސް ކުދިން ބަލަމުން ދިޔަ އެކަނިވެރި އަންހެނަކު ވަނީ އޭނާގެ އެކައުންޓުގައި ފައިސާ ދައުރުވުމުގެ ސަބަބުން ޒަކާތު ފައިސާއަށް ޝަރުތު ހަމަ ނުވާ ކަމާއި އަދި އެކައުންޓުގައި ފައިސާ ދައުރުވެފައިވަނީ ބަލި ދަރިފުޅު ގޮވައިގެން އިންޑިއާއަށް ދިއުމަށް އާންމުންގެ ފަރާތުން އެހީތެރިކަން ލިބިފައިވާތީއާއި ހަތަރުވަރަކަށް މަސް ކުރީން ވަޒީފާއެއް ލިބުމުގެ ސަބަބުން ކަމަށް ބުނެފަ އެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ޝަހީމް އިއްޔެ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެ އަންހެން މީހާ އެހީއަށް އެދުމުން ޒަކާތު ފަންޑުން އޭނާއަށް 15،500 ރުފިޔާ ދީފައިވާ ކަމާއި އަދި އެކަނިވެރިމައިންގެ ފައިސާ އާއި އޭނާގެ މުސާރައާއެކު އޭނާއަށް މަހަކު 22،000 ރުފިޔާއަށްވުރެ ގިނައިން ލިބޭ ކަމާއި އަދި އޭނާ ފަގީރުންގެ ދަފުތަރަށް ނާރާނެ ކަމަށާއި އޭނާގެ އެކައުންޓުގައި 75،000 ރުފިޔާ އެބަހުރި ކަމަށެވެ.

އެ އަންހެން މީހާގެ ބޭންކު އެކައުންޓުގެ މައުލޫމާތު ޝަހީމް ހާމަކުރެއްވުމުން ގިނަބައެއްގެ ފާޑުކިޔުން އަމާޒުވުމުން އޭނާ މިހާރު ވަނީ އެ ޕޯސްޓު ޑިލީޓްކޮށްލާފަ އެވެ.

ޝަހީމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އަންހެން މީހާގެ ބޭންކު އެކައުންޓުގެ މުއާމަލާތްތައް ހާމަކުރީ އެ އަންހެން މީހާ ހަގީގަތް އޮޅޭފަދަ ގޮތަކަށް ވާހަކަ ދެއްކުމުގެ ސަބަބުން ޒަކާތާ ގުޅޭ ސައްހަ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.

"އަޅުގަނޑު އެބޭފުޅާގެ އިންސާނީ ޝުއޫރަށް ނުހަނު މަތީ ދަރަޖައަށް އިހުތިރާމްކުރަން. އަޅުގަނޑު އެކަމާ ގުޅިގެން ދެންނެވި ވާހަކައިން މި ނޫން މާނައެއް ނެގުނު ނަމަ، ނުވަތަ އެފަރާތުގެ ޒާތީ މައުލޫމާތު ހާމަކުރެވުނުކަމަށް ވާނަމަ، އެކަމަށް ނިހާޔަތަށް މައާފަށް އެދެން" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ޒަކާތު ހައުސްއިން އެއްވެސް ދިވެހި ރައްޔިތަކާމެދު ދެރަކަށް އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. ރާއްޖޭގެ އެތައް ހާސް ރައްޔިތުން ޒަކާތު ފަންޑާ ހަވާލުކުރާ އެތައް މިލިއަން ރުފިޔާގެ އަމާނާތް އެތަނުން އަދާކުރަމުން އަންނަނީ އަދުލުވެރިކަމާއި އިންސާފުން އަދި އިސްލާމީ ޝަރީއަތުގައިވާގޮތުގެ މަތީންކަން ކަށަވަރުކޮށްދޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.