Last Updated: July 6, 21:47
Monday, July 6, 2026
ޚަބަރު

ހުޅުމާލެ 3 އާއި ގިރާވަރުފަޅު ހިއްކަން އިތުރު ޑްރެޖަރެއް

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރިއަށް ގެންދާ، ހުޅުމާލޭ ތިންވަނަ ފިޔަވަހި އަދި ގިރާވަރުފަޅުގެ ބިން ހިއްކަން އިތުރު ޑްރެޖަރެއް ރާއްޖެ ގެނެސްފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އާ ޑްރެޖަރު މިއަދު ރާއްޖެ އައިސްފައިވާ ކަމަށާއި ފޭސް 3 ހިއްކުމުގެ މަސައްކަތް މާދަމާ އެ ޑްރެޖަރުން ކުރަން ފަށާނެ ކަމަށެވެ. އަދި ފޭސް 3 ހިއްކުމުގެ މަސައްކަތް އަންނަ މަސް ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މިއާއެކު ގިރާވަރުފަޅު ހިއްކުމަށް ބޭނުންވާ އީއައިއޭގެ މަސައްކަތްތަކާއި އެހެންވެސް އިދާރީ ކަންކަން ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށާއި އެއަށްފަހު ހުޅުމާލެ ފޭސް 3 ހިއްކުމުގައި އުޅޭ ދެ ޑްރެޖަރު، ފޭސް 3 ހިއްކުމުގެ މަސައްކަތް ނިންމުމަށްފަހު ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށް ވިދާޅުވި އެވެ. އަދި އެ މަސައްކަތް ފަށާތާ ދެތިން މަސްތެރޭ ގިރާވަރުފަޅު ހިއްކާ ނިިންމާލެވޭނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަޝްރޫގެ ދަށުން ސަރުކާރުން ނިންމާފައިވަނީ 63 ހެކްޓަރުގެ ބިން ހިއްކުމަށެވެ. ހުޅުމާލެ ފޭސް 3 ގައި ހިއްކުމަށް ބާކީ އޮތީ 35 ހެކްޓަރުގެ ބިމެވެ.

ގިރާވަރުފަޅުން 169 ހެކްޓަރު ހިއްކަން ހަވާލުކޮށްފައި އޮތް މަޝްރޫއުއަށް 50 ހެކްޓަރު އިތުރުކުރަން ނިންމައި އެ ފަޅު ހިއްކައި ނިމޭއިރު 219 ހެކްޓަރު ހުންނާނެ އެވެ. އޭގެ ތެރެއިން 90 ހެކްޓަރު ވަނީ މިހާރު ހިއްކާފަ އެވެ.