Last Updated: July 6, 21:47
Monday, July 6, 2026
ޚަބަރު

ފައްޔާޒު އިސްތިއުފާ ދިނީ ބަޖެޓް މޮޅުކަމުން

އެމްޑީޕީގެ ޗެއާޕާސަން ކަމުން ފައްޔާޒު އިސްމާއިލް އިސްތިއުފާ ދިނީ ސަރުކާރުން ހުށަހެޅި ބަޖެޓް މޮޅުކަމުން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ބަޖެޓު ކޮމިޓީއިން ބަޖެޓު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ ޕާޓީތަކަށް އަންނަ ބަދަލުތަކުން ބަޖެޓުގެ ފުރިހަމަކަން ފެންނަމުންދާ ކަމަށާއި ރަނގަޅު ބަޖެޓުތައް ހުށަހަޅައި ތަންފީޒުކުރަން ފެށުމުން އިދިކޮޅު ޕާޓީތައް އިނދަޖެހޭނެ ކަމަށެވެ.

"މާޒީގައި ނުފެންނަހާ ކަންކަން ފެންނަމުން އެ ދަނީ. ގޮވާލީމަ އެއްވާނެ މީހަކު ނުވޭ. ޗެއާޕާސަނުންނާއި ސެކްރެޓަރީންނާއި އިސްތިއުފާ ދޭ އަޑު ރެއާ ދުވަލު އިވެމުން މި ދަނީ. އެއީ ބަޖެޓުތައް ރަނގަޅުވީމަ ވާގޮތް. ބަޖެޓުތައް ގޯސް ނަމަ އެބޭފުޅުން އިސްތިއުފާއެއްވެސް ނުދޭނެ،" ފަލާހު ވިދާޅުވި އެވެ.

"ބަޖެޓުތައް މޮޅު. ބަޖެޓުތައް ފުރިހަމަވީމަ ޕާޓީތައް ފުނޑުފުނޑުވާނެ. އެ ތަންތާ ތިބި ވެރިން އިސްތިއުފާ ދޭނެ،"

ފަލާހު ވަނީ މީގެކުރިން މި މަހުގެ 17 ގައި އެމްޑީޕީއިން ބާއްވަން އުޅުނު އެއްވުން ވިއްކާލާފައިވާ ކަމަށްވެސް ތުހުމަތު ކޮށްފަ އެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހެޅީ 64.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މަޖިލީހުގެ ތަޅުމުން މިއަދު ބަޖެޓް ފާސްކުރި އިރު، ބަޖެޓް ކޮމިޓީން ބަޖެޓް ފާސްކޮށްފައި ވަނީ މި މަހުގެ 19 ގަ އެވެ. އެއީ ރައްޔިތުންގެ މަޖިލީހަށް އިތުރަށް ބޭނުންވާ 3.5 މިލިއަން ރުފިޔާ ލިބޭނެ ގޮތަށް ހެދުމަށް ފަހު އެވެ.

މި ބަޖެޓުގައި 40.3 ބިލިޔަން ރުފިޔާގެ އާމްދަނީއެއް އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި ބަޖެޓު 9 ބިލިޔަން ރުފިޔާއިން ޑެފިސިޓް ވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކަށް އަންނަ އަހަރު 8 ބިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ބަޖެޓުގައި ލަފާކޮށްފައިވާ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުން ޚަރަދުގެ ގޮތުގައި ހިނގާނީ، 49.2 ބިލިޔަން ރުފިޔާއެވެ. އޭގެ ތެރޭގައި ހިމެނެނީ، ރިކަރަންޓް ޚަރަދުގެ ގޮތުގައި 39.9 ބިލިޔަން ރުފިޔާ އާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.3 ބިލިޔަން ރުފިޔާ އެވެ.