އިންސާނާގެ ހަށިގަނޑުގައި ހަސަތޭކައެއްހާ މަސްގަނޑުތައްވާ އިރު، މިމަސްތައް އަހަރެމެންގެ ބަރުދަނުގެ ތިންބައިކުޅަ އެއްބަޔާއި ދެބައިކުޅަ އެއްބަޔާ ދެމެދުގެ ބައެއް ހިއްސާކުރެ އެވެ. ހަށިގަނޑުގެ އެކި ހިސާބު ހިސާބުގައިވާ މަސްތަކުގެ ސަބަބުން އިންސާނާ އަށް މަސައްކަތްކޮށް، ހެލިފެލިވެއުޅެ، އަދި ބެލެންސް ކުރަން އުނދަގޫވާ ޙާލަތްތަކުގައި ހަށިގަނޑު ބެލެނެސްކޮށް ޘާބިތުކޮށްދޭ ން އެހީވެދެ އެވެ.
އިންސާނާ އޭނާގެ މަސްތަކުގެ އެހީގައި ކަމެއްކުރަން ބޭނުންވުމުން، ސިކުނޑިން މަސްތަކާ ހަމައަށް ގުޅިފައިވާ މޮޓޯ ނިޔުރޯންސް (ނާރު) ތަކުން މަސްތަކަށް އިލެކްޓްރޯނިކް އިމްޕަލްސްތަކެއް ފޮނުވައެވެ. މި އިމްޕަލްސްތައް މަސްގަނޑާ ހަމައަށް ފޯރުމުން މަސްތައް ކޮންޓްރެކްޓްވެ، ރިލެކްސްވެ އެވެ. (ކޮންޓްރެކްޓް ވުމަކީ މަސްގަނޑު ބާރުވެ އެއްވުމެވެ. އަދި ރިލެކްސް ވުމަކީ މަސްގަނޑު ދޫވެގެން ދިއުމެވެ. ޙަރަކާތް ގެނައުމަށްޓަކައި އެއްބައި މަސްތައް ކޮންޓްރެކްޓްވާން ޖެހޭ އިރު އަނެއް ބައި މަސްތައް ރިލެކްސް ވާންޖެހެއެވެ.) ކޮންމެއަކަސް ކޮންޓްރެކްޝަނާއި ރިލެކްޒޭޝަންގެ މި ޙަރަކާތްތަކުގެ ސަބަބުން މަސްގަނޑާ ގުޅިފައިވާ ކަށި ހަރަކާތް ކުރަންފަށައެވެ. މިހުރިހާ ކަމެއްވާން ނަގަނީ ވަރަށް ކުޑަ ހިނދުކޮޅެކެވެ.
މިސާލަކަށް ޖިމެއްގައި ކަސްރަތު ކުރަމުންދާ މީހަކު ބަރެއް އުފުލަން ބޭނުން ވެއްޖެނަމަ، ސިކުންޑިން ކުރިން ދެންނެވި ގޮތަށް އަތުގެ މުލައްދަނޑީގައިވާ ދެމަސްގަނޑަކަށް އެކަން އަނގައެވެ. އެއީ އަތުގެ އެތެރެ ފަރާތުގައިވާ، ބައިސެޕްސް މަސްގަނޑާއި އަތުގެ ބޭރު ފަރާތުގައިވާ ޓްރައިސެޕްސް މަސްގަނޑެވެ. ބަރު ނެގުމަށްޓަކައި ބައިސެޕްސް މަސްގަނޑު ކޮންޓްރެކްޓް ވާނެއެވެ. އަދި ޓްރައިސެޕްސް މަސްގަނޑު ރިލެކްސްވާނެ އެވެ.
ހަށިގަނޑުގެ މަސްތައް މަސައްކަތް ކުރަމުންދާ އިރު، ގިނަފަރާތްތަކަށް އެނގިފައިނުވާ ވަރަށް މުހިންމުކަމެއް މަސްގަނޑު ގެތެރޭގައި ހިނގަ އެވެ. މިސާލަކަށް، ބަރު އެއްޗެއް އުފުލުމަށްޓަކައި މަސްގަނޑު ސްޓްރެސްވާ އިރު، މަސްގަނޑުގެތެރޭގައިވާ މަސްލްސް ފައިބާސްތަކުގައި ލޮލަށް ނުފެންނަހާ ކުދި ރެނދުތަކެއްލަ އެވެ. މިއީ މަސްގަނޑުގެ ޓިޝޫތަކަށް ލިބޭ ކުޑަކުޑަ ގެއްލުމަކަށް ވީނަމަވެސް މިޙާލަތުގައި އެއީ އޭގެސަބަބުން މަސްގަނޑަށް ވަރަށް ފައިދާވާކަމެކެވެ.
ސަބަބަކީ، މިރެނދުތައް މަސްލްސް ފައިބާސްތަކުގައި ލުމުން ގެއްލުންލިބުނު ސެލްތަކުން ސައިޓޯކައިންސް ކިޔާ މޮލިކިއުލެއް ދޫކުރެއެވެ. މި މޮލިކިއުލުގެ ވަޒީފާ އަކީ މަސްގަނޑަށް ލިބުނު ގެއްލުން ރަނގަޅުކޮށް މުސްތަޤުބަލުގައި ލިބިދާނެ މިފަދަ ގެއްލުމަކަށް މަސްގަނޑު ތައްޔާރު ކުރުމެވެ. އެގޮތުން މަސްގަނޑުގައިވާ މަސްލްސް ފައިބާސް ތައް ބޯކޮށްލައެވެ. ގެއްލުންލިބިފައިވާ އެތައް ފައިބާތަކެއް ބޯވެގެންދާއިރު ނަތީޖާއެއްގެ ގޮތުން މަސްގަނޑުވެސް ބޯވެ ވަރުގަދަވެގެން ދެއެވެ.
ބޮޑީ ބިލްޑްކުރާ މީހުންގެ މަސްތައް ހަރުވެ، ވަރުގަދަވާ ގޮތަކީ މިއީ އެވެ. މަސްތައް ވަރުގަދަ ކުރުމަށްޓަކައި ބަރު އުފުލާއިރު މަސްތަކަށް ކުރިން މިދެންނެވި ކަހަލަ ގެއްލުންތަށް ލިބެމުންދެއެވެ. މިގެއްލުންތަކަށް ފަރުވާލިބިގެންދާއިރު މަސްގަނޑު ބޮޑުވެ، ހަރުވެ، ވަރުގަދަ ވެގެންދެއެވެ.
އިންސާނާ ކޮންމެ ދުވަހަކު ވެސް ޢާންމުކޮށް ކުރާ ކަންކަމަށް އޭނާގެ ހަށިގަނޑު ހޭނިފައިވާތީ، މި ދެންނެވި ކަހަލަ ވަރުގަދަ ކަމެއް މަސްގަނޑަށް ގެނައުމަށްޓަކައި ޢާންމުކޮށް މަސްގަނޑަށް ލިބޭ ސްޓްރެސް އަށްވުރެ ބޮޑު ސްޓްރެސް އެއް މަސްގަނޑަށް ލިބުން ވަރަށް މުހިންމެވެ. މިއަށް ކިޔަނީ ހައިޕަ-ޓްރޮފީއެވެ. މަސްގަނޑަށް ސްޓްރެސް ނުލިބި ގިނަ ދުވަސްތަކެއްވާ ނަމަ، އެމަސްތައް ކުޑަވެގެން ދާނެ އެވެ. މިއަށް ކިޔަނީ މަސްކިއުލާ-އެޓްރޮފީ އެވެ. ނަމަވެސް މަސްތަކަށް ރަނގަޅު ސްޓްރެސްއެއް ނުދެވޭ މީހަކު ކުއްލިއަކަށް ވަރަށް ބަރު އެއްޗެއް އުފުލައި މަސްގަނޑަށް ބޮޑު ސްޓްރެސްއެއް ދީފިނަމަ، ކުދި ކުދި ރެނދުތަކުގެ ބަދަލުގައި މަސްގަނޑު އިރައިގެން ދިއުން ކަހަލަ ބޮޑު ގެއްލުމެއް ލިބިދާނެ އެވެ.
ކަސްރަތުކުރާ އިރު ވެސް މިކަމަށް ވިސްނުން ވަރަށް މުހިންމެވެ. ކުއްލިއަކަށް ކުރިއެރުމެއް ގެންނަށް އުޅެގެން ބޮޑު ގެއްލުމެއް ލިބުމަ ށްވުރެ، ދުވަހުން ލިބޭ ފުރިހަމަ ކުރިއެރުން މާ ރަނގަޅުވާނެކަން ޔަޤީނެވެ.
ނޯޓް: މިއީ ޝައިޚް މުޠީޢު އިސްމާޢީލް މުޙައްމަދުގެ ލިިޔުއްވުމެކެވެ.