Last Updated: July 6, 21:47
Monday, July 6, 2026
ކުޅިވަރު

ބާސާ ބަލިކޮށް ޗެލްސީން ފެންވަރު ދައްކާލައިފި

ޗެމްޕިއަންސް ލީގުގައި ރޭ ޗެލްސީން 3-0 އިން ބާސެލޯނާ ބަލިކޮށްފި އެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގައި ގިނަ ބައެއްގެ ލޯތައް އަމާޒުވެފައި އޮތީ ބާސާގެ އުމުރުން 18 އަހަރުގެ ލަމީން ޔަމާލް އާއި ޗެލްސީގެ އުމުރުން 18 އަހަރުގެ އެސްޓެވާއޯ ވިލިއަން އަށެވެ. ޒުވާން ހުނަރުވެރި މި ދެ ކުޅުންތެރިން ވެސް އަންނަނީ މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.

މި މެޗުގެ ކުރީކޮޅު ބާސާއަށް ލީޑު ނަގައިދޭން ފެރަން ޓޮރޭސް އަށް މުޅިން ހުސް ފުރުސަތެއް ލިބުނު ނަމަވެސް، ޗެލްސީގެ އޭރިއާ ތެރޭ ހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ. މި މެޗުގެ 27 ވަނަ މިނެޓްގައި ޗެލްސީން ލީޑު ނެގިއިރު، މިއީ ބާސާގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

ޗެލްސީން މޮޅު ކުޅުމެއް ދެއްކި މި މެޗުގައި ބާސާއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 44 ވަނަ މިނެޓްގައި އެޓީމުގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކުމުންނެވެ. ބާސާގެ ކެޕްޓަން އަރައުހޯ އަށް ދެވަނަ ރީނދޫ ކާޑު ދެއްކީ ޗެލްސީގެ ޑިފެންޑަރު މާކް ކުކުރެލާ އަށް ކުރި ފައުލަކާ ގުޅިގެންނެވެ.

ދެވަނަ ހާފް 10 ކުޅުންތެރިންނާއެކު ބާސާއިން ކުޅެން ޖެހުނުއިރު، މެޗުގެ 55 ވަނަ މިނެޓްގައި އެސްޓެވާއޯ ވަނީ ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. ބްރެޒިލަށް އުފަން އެސްޓެވާއޯ މި ގޯލު ކާމިޔާބުކުރީ ބާސާގެ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ. މިއީ މިފަހަރުގެ ޗެމްޕިއަންސް ލީގުގައި އެސްޓެވާއޯ ކާމިޔާބުކުރި ތިންވަނަ ގޯލެވެ.

ޗެލްސީގެ ތިންވަނަ ގޯލު މެޗުގެ 73 ވަނަ މިނެޓްގައި އެންޒޯ ފެނާންޑޭޒް ދިން ޕާހަކުން ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި ލިއާމް ޑެލަޕް އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ ވަނީ ބަޔާ ލެވަކޫސަން އަތުން 2-0 އިން ބަލިވެފަ އެވެ. ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ފްރާންސްގެ މާސޭ ކުރި ހޯދިއިރު، ޔުވެންޓަސް އިން ވަނީ 3-2 އިން ބޯޑޯ ގްލިމްޓް ބަލިކޮށްފަ އެވެ. އަދި ބްރޫޝިއާ ޑޯޓްމަންޑުން 4-0 އިން ވިޔަރެއާލް ބަލިކުރިއިރު، ބެންފީކާއިން އަޔެކްސް ބަލިކުރީ 2-0 އިންނެވެ.