މާ ބޮޑަށް މަޝްހޫރުވުމުން މިއުޒިކީ ފަންނާނުންގެ އުމުރު ކުރުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
އެޕިޑަމިލޮޖީ އެންޑް ކޮމިއުނިޓީ ހެލްތު ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނެފައި ވަނީ ދުންފަތުގެ އިސްތިއުމާކުރާ މީހުންގެ އުމުރުން 4.6 އަހަރު ކުރުވާ ގޮތަށް ފަންނާނުންނަށް ލިބޭ ބޮޑު މަޝްހޫރުކަމުގެ ސަބަބުން އެ މީހުންގެ އުމުރު ހަމަ އެ މިންވަރަށް ކުރުވާ ކަމަށެވެ.
ޖަރުމަންގެ ވިޓެން ހާޑެކީ ޔުނިވަސިޓީގެ ރިސާޗަރުންގެ ޓީމަކުން ހަދާފައިވާ މި ދިރާސާ ކުރިއަށް ގެންގޮސްފައި މަޝްހޫރުކަން ހޯދާފައިވާ ފަންނާނުންނާއި އަލަށް މިއުޒިކީ ދާއިރާ އަށް ވަދެ މަޝްހޫރުކަން ހޯދަމުން އަންނަ 640 އަށް ވުރެ ގިނަ ފަންނާނުންގެ ޑޭޓާތައް ބަލައި ވަޒަންކޮށްގެންނެވެ. އެގޮތުން މަޝްހޫރު ފަންނާނު ޓުއާތަކުގައި ވަރަށް ބުރަކޮށް ފަޕޯމްކުރަން އުޅެން ޖެހުމާއި އެއާ އެކު އެ މީހުންގެ ލައިފްސްޓައިލަށް އަންނަ ބަދަލުތަކުން އެ މީހުންގެ އުމުރާ ސީދާ ގޮތެއްގައި ގުޅުން އޮތްކަން ދައްކުވައިދޭކަން ފާހަގަވެފައިވެ އެވެ.
އެހެންވެ މަޝްހޫރުކަން ކުޑަ ފަންނާނުންނާއި އާންމުންގެ ތެރޭގައި މާ ބޮޑަށް މަޝްހޫރު ފަންނަނުންގެ ލައިފް އެކްޕެކްޓެންސީގައި ފަރަގުތަކެއް ހުރިކަން ހާމަވެފައިވެ އެވެ. އެގޮތުން އެ މީހުންގެ މިޒާޖާއި ޖިންސީ ލޯބިކުރާ މިއުޒިކް ޖޯންރާ އާއި ނިސްބަތްވާ ގައުމަށް ބަލާ އިރު، މަޝްހޫރު ފަންނާނުންނާއި މަޝްހޫރުކަން ކުޑަ ފަންނާނުގެ އުމުރުގައި ފަރަގުތައް ހުރިކަން ފާހަގަކުރެވިފައިވެ އެވެ.
ދިރާސާގައި ބުނީ މާ ބޮޑަށް މަޝްހޫރުވުމަކީ މީހާ "އެކަނިވެރިކޮށްލާ" ކަމެއް ކަމަށާއި އެފަދަ ފަންނަނުންގެ އުމުރު ކުރުވުމުގައި އެއީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކަމަކަށްވާ ކަމަށެވެ. މިއާ އެކު ލިބޭ ބޮޑު މަޝްހޫރިކަމާ އެކު އަމިއްލަ ސިއްހަތަށް ފަންނާނުންދޭ ސަމާލުކަން ކުޑަވުމަކީ ވެސް އުމުރު ކުރުވާން މެދުވެރިވާ މުހިއްމު އެއް ސަބަބެވެ. މީގެ އިތުރުން ޕްރައިވެސީ ގެއްލުމާއި ފަންނާނެއްގެ ގޮތުން ކުރިމަތިލާން ޖެހޭ ޕްރެޝަރުތަކާއި އާންމުންގެ ފަރާތުން އަމާޒުވާ ފާޑުކިޔުން ފަދަ ކަންކަމަކީ ވެސް މަޝްހޫރު ފަންނާނުން އުމުރު ކުރުވާ ސަބަބުތަކުގެ ގޮތުގައި ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
ވަކިން ހާއްސަކޮށް ސޯލޯ ނުވަތަ އެކަނި ހަރަކާތްތެރިވާ ފަންނާނުންނަށް މިކަން ކުރިމަތިވާ މިންވަރު، ގްރޫޕްކޮށް ބޭންޑް ހަދައިގެން މަސައްކަތްކުރާ ފަންނާނުންނަށް ވުރެ ބޮޑު ކަމަށް ވެސް ފާހަގަވެފައިވެ އެވެ.
އެގޮތުން ބޮޑަށް މަޝްހޫރު ފަންނާނުންގެ އެވްރެޖް އުމުރެއްގެ ގޮތުގައި ފާހަގަވެފައި ވަނީ 75 އަހަރެވެ. އަދި މަޝްހޫރުކަން ކުޑަ ފަންނާނުންގެ އެވްރެޖް އުމުރަކީ 79 އަހަރު ކަމަށް ދިރާސާގައި ބުންޏެވެ. ދެ ޖިންސް ވަކިން ބަލާ ނަމަ ފިރިހެނުންނަށް ފަންނާނުންގެ އުމުރު ކުރުވާ ނިސްބަތް 83.5 ޕަސެންޓަށް އަރަ އެވެ. އަންހެން ފަންނާނުންގެ އުމުރު ކުރުވާ ނިސްބަތް އުޅެނީ 16.5 ޕަސެންޓެވެ.