އަންނަ އަހަރުގެ ކުރިކޮޅު ރިލީޒް ކުރަން ނިންމާފައިވާ ސަނީ ޑިއޯލްގެ ފިލްމު "ގަބްރޫ" އިން ސަލްމާން ޚާން ވެސް ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ އޭނަ އޭގައި ފެންނާނީ ވަރަށް ހާއްސަ އެކްސްޓެންޑެޑް ކެމިއޯއަކުން ކަމަށެވެ. އަދި އެ ރޯލަށް މީގެ އަހަރެއްހާ ދުވަސް ކުރިން ސަލްމާން ޝޫޓްކޮށް ނިންމާފައިވާ ކަމަށް ވެސް ނޫސްތަކުން ބުންޏެވެ.
ސަނީއާ އެކު ކުރިން ވެސް ސަލްމާން މަސައްކަތްކޮށްފައިވެ އެވެ. އެއީ 1996 ފިލްމު "ޖީތު" ގަ އެވެ.
"ގަބްރޫ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އަންނަ އަހަރުގެ މާޗް 13 ގަ އެވެ. ޝަޝަންކް އުދަޕޫރްކާރް ލިޔެ، ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ކާސްޓްގައި ސިމްރަން ބައްގާ އާއި ޕްރިތު ކަމާނީ ވެސް ހިމެނެ އެވެ.
އަންނަ އަހަރު ބެލުންތެރިންނާ ހަމައަށް އަންނާނެ ސަނީގެ ފުރަތަމަ ފިލްމަކީ ޖެނުއަރީ 23 އަށް ތާވަލުކޮށްފައިވާ "ބޯޑާ 2" އެވެ. ސަލްމާންގެ ފިލްމެއް ވެސް އަންނަ އަހަރު ބެލުންތެރިންނާ ހަމައަށް އަންނާނެ އެވެ. އެއީ ފިތުރު އީދުގައި ގެނެސްދޭން މިހާރު މަސައްކަތް ކުރަމުން އަންނަ "ބެޓްލް އޮފް ގަލްވާން" އެވެ.